މި 3 ކަންތަކުން ކާމިޔާބު ދިރިއުޅުމެއް ހޯދޭނެ!

ކާމިޔާބު ދިރިއުޅުމެއް އެދޭ ކޮންމެ މީހަކު މި ތިން ކަންތައް ފުރިހަމަ ކޮށްލުން ވަރަށް މުހިންމެވެ. އިރާދަކުރެއްވިއްޔާ އޭނާއަށް ހީވެސްނުކުރާހައި އަވަހަށް އޭނާގެ ދިރިއުޅުން ބަދަލުވެގެން އަންނާތީ ފެންނާނެއެވެ. މުސްލިމުންނަކީ އަބަދުވެސް ކާމިޔާބީގެ ހާލަތުގައި ތިބޭ އުންމީދީ ބައެކެވެ. އެ މީހުން ނާއުންމީދުކުރުވަނީ ޝައިޠާނީ ވަސްވާހެވެ. ދުނިޔޭގެ ދަޅައެވެ. ޙިޔާލީ އަވާމެންދުރުތަކެވެ. މި ކަންކަމުގައި ނުޖެހި ބާއްޖަވެރިކޮށް އުފާވެރިކޮށް ތިބާގެ ޙަޔާތް ހޭދަކޮށް ކާމިޔާބު މީހަކަށް ވުމަށް ޓަކައި މިއަދު މަސައްކަތް ފަށާށެވެ! ތިރީގައި މި ހިމަނާ ކަންތައްތަކާ މެދު ވަރަށް ފުންކޮށް ވިސްނާށެވެ. އަދި އަމިއްލަ ނަފުސަށް ހެޔޮ އެދިގެން ސީރިޔަސްކަމާ އެކު މި ބަދަލުތައް ޙަޔާތަށް ގެންނާށެވެ. 1- ނިޔަތް ޚާލިޞްކުރުން ނިޔަތަކީ ހުރިހާ ކަމެއްގެ އަސާސެވެ. މައިބަދެވެ. ޢަމަލުތައް އޭގެ މައްޗަށް ބިނާވެގެންވާ ބިންގަލެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «إنّـمَا الأعمالُ بالنِّيَّاتِ‏» (البخاري) މާނައީ: "ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށެވެ." ކިޔުންތެރީންނޭވެ! ދިރިއުޅުމުގެ ބިންގާ ސީދާ ކުރަމާ ހިނގާށެވެ! ހެޔޮރަނގަޅު ނިޔަތެއްގައި ދިރިއުޅެމާ ހިނގާށެވެ. ކައްޗަށް ބިންގާ އެޅިއްޖެއްޔާ ކެއްޗާ ހަމައަށް ފޯރިޔަސް ދިރިއުޅުން އޮންނާނީ ކައްޗަށެވެ. ކާމިޔާބު ދިރިއުޅުމަކަށް އެދިގެން ނިޔަތް ސީދާކޮށްފި މީހާގެ ޢަމަލުތައް ސާދާ ވާނެއެވެ. ބުރަކަމެއް ނުހުންނާނެއެވެ. ލޮލަކަށް، ބޮލަކަށް، ހިތަކަށް، ތުރާލެއްނުވާނެއެވެ. މާތް ﷲއަށް އެކަނި ނިޔަތް ޚާލިޞްކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވައެވެ. އަޅުކަމުގައި ވެސް ދުނިޔަވީ އެހެން މުޢާމަލާތްތަކުގައި ވެސް މެއެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި ވާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲކަން ޔަޤީންވުމުން، ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް އަޅުގަނޑުމެންނަށް ލިބެއެވެ. އެއީ އެހެން އެކަކަށް އަޅުގަނޑުމެންގެ ހިތާމަޔާއި ނުތަނަވަސްކަން އިޙުސާސް ނުވިޔަސް، އޯގާވަންތަ މަތިވެރި އިލާހު އަޅުގަނޑުމެންގެ ހުރިހާ އިޙުސާސެއް ފުރިހަމައަށް ދެނެވޮޑިގެންވާކަން އަޅުގަނޑުމެންނަށް ޔަޤީންވާވުމެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންނަށް ކަށަވަރުވާ އަނެއް ކަމަކީ މި ދުނިޔޭގައި ލިބޭ ހިތްހަމަޖެހުމާއި އުފަލަށްވުރެ މާ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް އާޚިރަތުގައި އަޅުގަނޑުމެންނަށް ޓަކައި ތައްޔާރުކުރައްވައިފައި ވާކަމެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުން ކާމިޔާބު މަގުގައި ލެހެއްޓުމަށް އޮތް އެންމެ ބޮޑު ފަރުވާއެވެ. 2- އުފަލުން ޙަޔާތަށް ބަދަލުގެނައުން ޙަޔާތަށް ބަދަލު ގެނައުމަކީ ތިބާގެ އަމާޒަށް މިސްރާބު ސީދާކުރަން ކުރެވޭނޭ އެންމެ މުހިންމު ކަންތަކެވެ. އެއީ ތިބާގެ ލަނޑުދަނޑިއަށް ވާޞިލުވާން އޮތް ހަމައެކަނި ވަޞީލަތެވެ. މީގެ މާނައަކީ ތިބާގެ އަމިއްލަ ކަންކަމުގެ ބާރުވެރިކަން ތިބާގެ އަމިއްލަ ނަފުސަށް ހޯދުމެވެ. ވާޖިބުތައް އަދާކުރުމުގައި އަމިއްލައަށް ޒިންމާ އުފުލުމެވެ. އަނެކާގެ ފަރާތުން ކަމެއް ބަދަލުވޭތޯ ވަގުތުތައް ނަގައިނުލައި، އަމިއްލަ ނަފުސު އެންމެ ފުރިހަމަ ދަރަޖައަށް ވާޞިލުވަންދެން އިޞްލާޙުކުރުމެވެ. ތިބާ ހޯދަން ތިޔަ އެދޭ ކާމިޔާބު ދިރިއުޅުމަށް، މަގު ބަންދުކުރާ ހުރިހާ ކަމަކާ ދުރުހެލިވެގެން ހުރުމެވެ. އެ ކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އުރެދުމުގައި ދައުރުވަމުންދާ ދުވަސްތައް ކަމުގައި ވާ ނަމަ އެ އުރެދުންތަކުން ސަލާމަތްވެ އެ ކަމުން އަރައިގަންނަން ވީއެވެ. އެ ކަމުގައި ލަސްނުކުރާށެވެ. ތިބާއާ ﷲއާ އޮންނަ ގުޅުން އިސްލާޙުކުރަން ޙަޔާތަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެންނަން ފަސްނުޖެހެންވީއެވެ. މިއަދުގެ ދިރިއުޅުމުގައި އަޅުގަނޑުމެން ހިތްނޭދޭ އެތައް ކަމެއް ކުރަން މި ވަނީ މަޖުބޫރު ވެސް ވެފައެވެ. ނަމާދު ވަގުތު މަސައްކަތް ކުރަން ޖެހޭ ފަހަރު ވެސް އާދެއެވެ. އަޑުއަހަން ބޭނުން ނޫން އެތައް އަޑެއް އެހެނީއެވެ. ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް ބެލެނީއެވެ. އުޅެން ބޭނުން ނުވިޔަސް ވިޔާނުވާގޮތްގޮތަށް އުޅެވެނީއެވެ. މި ހުންނަނީ ތިބާގެ ކާމިޔާބަށް ހުރަސްއަޅާ ކަންކަމެވެ. މި ކަންކަމުން ދުރުހެލިނުވެވެނީ އެހެން މީހެއްގެ ސަބަބުން ކަމުގައި ނުބުނާށެވެ. ތިމާގެ އަމިއްލަ މައްސަލައެއް އޮތްތޯބަލައި އެ ކަމެއް އިޞްލާޙުކުރާށެވެ. ތައުބާވާށެވެ. އެންމެ ހެޔޮ މީހުންނަކީ އެއީއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «كلُّ ابنِ آدمَ خطَّاءٌ، وخيرُ الخطَّائينَ التَّوَّابونَ‏» (أخرجه الترمذي: 2499) މާނައީ: "ކޮންމެ އާދަމުގެ ދަރިއެއް ވެސް ފާފަކުރާނެއެވެ. ފާފަކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތައުބާވާ މީހާއެވެ." 3- ޔަޤީންކަމާ އެކު ދުޢާކުރުން ތިބާ ޚިޔާލުކުރާ ކާމިޔާބުގެ މަންޒިލަށް ފޯރާނީ އެ ކަމަށް ﷲގެ މަދަދު ލިބިގެންކަން ކަށަވަރެވެ. އެހެންކަމުން ކާމިޔާބީ ހޯދަން ކުރާ ދަތުރުގެ މަގުޗާޓު ކުރެހުމަށްފަހު، އެ މަގުގައި ފައިތިލަ ސާބިތުކޮށްދެއްވައިތޯ ﷲއަށް ދަންނަވާށެވެ. އެ ކަމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ވަޞީލަތްތައް އުނދަގޫކަމެއްނެތި ތިބާގެ ކިޔަމަނުގައި ލައްވައިތޯ ތާއަބަދު ﷲއަށް ދަންނަވާށެވެ. އެ ދަންނަވާދެންނެވުން ވާންޖެހޭނީ ޔަޤީންކަމާ އެކު ދަންނަވާދެންނެވުމަކަށެވެ. އިޚްލާޞްތެރިކަމާ އެކު ދަންނަވާދެންނެވުމަކަށެވެ. ފަހަރެއްގައި އިޖާބަކޮށްދެއްވައިފާނޭ ކަމަށް ބަލައިގެން ދުޢާކުރާ ނަމަ އެ ކަމެއް ވުމަށްވުރެ ނުވުން ގާތްވެދާނެއެވެ. ﷲއާމެދު އަޅާ ހީކުރާގޮތެއްގައި އެއިލާހުވޮޑިގެންވާ ކަމަށް ޤުދުޞިއްޔަ ޙަދީޘެއްގައި ވެއެވެ. ޔަޤީނާ އެކު ދުޢާކުރުމުން އެ މީހެއްގެ ދުޢާ ﷲ ރައްދުނުކުރައްވާނެތެވެ. އެއީ އަޅުންގެ ދުޢާ އިޖާބަކުރެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަމުގެ ޔަޤީންކަން އެއިލާހުގެ ފޮތުގައި ދެއްވައިފައިވާ އޯގާވަންތަ ރަޙުމާނުވަންތަ އިލާހެވެ. ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ﴾‏ ‎(البقرة: ١٨٦)‏ މާނައީ: "ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފި ނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ." ކާމިޔާބުގެ މަގަށް އެދި ދުޢާކުރަން ފަސްނުޖެހޭށެވެ. އެ ކަމަށް އެދި ދެންނެވުން ލަސްނުކުރާށެވެ. ދެންނެވޭ ނަމަ ދެއްވަވާނޭކަން ޔަޤީންކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ