ސައުދީން އެމެރިކާގެ 142 ބިލިއަން ޑޮލަރުގެ ހަތިޔާރު ގަންނަން އެއްބަސްވެއްޖެ

ސައުދީ އަރަބިއާއިން އެމެރިކާގައި 600 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓް ކުރަން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި 142 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއް ހިމެނޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. ވައިޓް ހައުސްއިން އިއްޔެ ހިއްސާކުރި ފެކްޓް ޝީޓެއްގައި ބުނެފައި ވަނީ ހަކަތަ އާއި މައުދަން ތަރައްގީކުރުން ފަދަ ދާއިރާތަކުން ވެސް އެއްބާރުލުން ދިނުން ހިމެނޭ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދު ހަތިޔާރު ވިއްކުމާ ބެހޭގޮތުން ހަދާ އެންމެ ބޮޑު އެއްބަސްވުން ކަމަށެވެ. "މިއަދު މި ހަދާ އެއްބަސްވުންތަކަކީ ދެ ގައުމަށް ވެސް ތާރީޚީ ބަދަލެއް ގެނެސްދޭނެ އެއްބަސްވުންތަކެއް ކަމަށާއި އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ޕާޓްނަޝިޕްގެ އާ ރަން ޒަމާނެއް ގެނެސްދޭނެ އެއްބަސްވުންތަކެއް." ފެކްޓް ޝީޓްގައިވެއެވެ. އެއްބަސްވުން އިއުލާނުކުރެއްވީ ގަލްފުގެ ހަތަރު ގައުމަކަށް ޓްރަމްޕް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުދީ އަރަބިއާއަށް ވަޑައިގެންނެވުމަށްފަހުއެވެ. އެ ދަތުރުފުޅުގައި މިއަދު ޤަޠަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ދަތުރުތަކާ ގުޅިގެން ޓްރަމްޕަށް ވަރަށް ބޮޑެތި ފާޑިކިޔުންތަކެއްވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން ބިލިއަނަރެއް ކަމަށްވާ ޓްރަމްޕް އޭނާގެ ވިޔަފާރި އިތުރަށް ވަރުގަދަ ކުރުމަށް މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާނެ ކަމުގެ ވާހަކަތައް ވަނީ ދެކެވިފައެވެ. މި އަޑު މިފަހަރު ގަދަވެފައި ވަނީ ގަތަރުން ޓްރަމްޕުގެ ބޭނުމަށް 400 މިލިއަން ޑޮލަރުގެ ލަގްޒަރީ ޖެޓެއް ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރުމާ އެކުގައެވެ. ރައީސްކަމުގެ ފުރަތަމަ ދައުރުގައި، 2017 ވަނަ އަހަރުވެސް ޓްރަމްޕް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. ނަމަވެސް 2018 ވަނަ އަހަރު ތުރުކީގެ އިސްތަންބޫލްގައި ހުންނަ ކޮންސިއުލޭޓެއްގައި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. ޚާޝުގްޖީ މަރާލުމުގެ ޒިންމާ އުފުލަން ޖެހޭނީ ސައުދީން ކަމަށް އެމެރިކާ ސަރުކާރުން އޭރު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ