ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނޯންނާނެ: މަހާޒް ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނޯންނާނެ: މަހާޒް

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ކޯޓުގެ ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނޯންނާނެ ކަމަށް ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކި ކުރި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރި މަހާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މިހާ ހިސާބަށް އާދެވުމުން އުފާ ކުރައްވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ. ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން. ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މަހާޒް ލިޔުއްވާފައިވެ އެވެ.
މަހާޒް އިތުރަށް ވިދާޅުވީ، އޭނާ ވަކި ކުރަން ސަރުކާރުން ކުރި ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް ތެދުވި އެންމެނަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
"ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން،" މަހާޒް ވިދާޅުވި އެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ފާސްކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ކުއްލި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ.
ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ. ޖޭއެސްސީގެ ތަހުގީގު ރިޕޯޓު ފާސް ކުރުމުން ފިލްޒާ ދެއްވި ލަފާގައި، ތަހުގީގުގައި ހުރި ގައިރު ގާނޫނީ ކަންކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ކައުންސެލް ޖެނެރަލް ފާހަގަ ކުރެއްވި ކަންކަން
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި މި ވަނީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދިނުމަށްފަހު، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލް، އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ