މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް، ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން މިއަދު ބުނެފިއެވެ. ސްޓެލްކޯއިން ނެރުނު އިއުލާނެއްގައި ވަނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކަރަންޓުގެ ޚިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް މާދަމާ ކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ޓަކައި، މާލެއާއި ހުޅުމާލޭ ބައެއް ހިސާބުތަކުން މާދަމާ ހެނދުނު 6:00އާއި 7:00އާ ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ހުޅުމާލޭން ކަރަންޓު ކެނޑުން އެކަށީގެންވަނީ އެއްވަނަ އަދި ދެވަނަ ނެއިބަހުޑްގައި ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. https://x.com/STELCOMALDIVES/status/2077748479921983622 ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި އަހަރުތަކުގައި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ހުރިހާ ސަރަހައްދުން ކަރަންޓު ކެނޑި 'ބްލެކްއައުޓް'އަކަށް ދިޔުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅޭ ޓަވަރުތަކުން ކަރަންޓު ކެނޑި ގިނައިރު ވުމުގެ މައްސަލަތައް ހިމެނެއެވެ. ސްޓެލްކޯއިން އަންނަނީ، މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑް ބޮޑުވަމުން އަންނަ މިންވަރާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ