އަސާސީ ތަމްރީނު ކޯސް ނިންމި 255 ސިފައިން ހުވާކޮށްފި

ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ގިރިފުށީ ހެވިކަމުގެ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީނު ކޯސް ‌‏ފުރިހަމަކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. އަދި ތަމްރީނު ފުރިހަމަކޮށް، ހުވާކުރި ދަރިވަރުންނަށް ބަޑި ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި، 255 ދަރިވަރުން ވަނީ ހުވާ ކުރައްވާފައެވެ. އެއީ، 72 ވަނަ ކޯހުގެ 138 ދަރިވަރުންނާއި 73 ވަނަ ކޯހުގެ 117 ދަރިވަރުންނެވެ.
ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯސް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ މާރިޗު 7 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން، 72 ވަނަ ބެޗުގެ ތަމްރީނުތައް އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދިޔައިރު، 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ، ގިރިފުށީގައެވެ.
އަސާސީ ތަމްރީނު ކޯހަކީ، އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. މި ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ، ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ