"ވިޒިޓް މޯލްޑިވް ވީކް": ފުރަތަމަ ޝޯތަށް ރަޝިއާގައި

އެމްްއެމްޕީއާރްސީން މި އަހަރު ބާއްވާ "ވިޒިޓް މޯލްޑިވްސް ވީކް" ގްލޯބަލް ރޯޑްޝޯ ސީރީޒްގެ ފުރަތަމަ ޝޯތައް ރަޝިއާގައި ފަށައިފިއެވެ.
މި ޝޯތައް ފަށާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ތަފާތު 21 ކުންފުންޏެއްގެ 15 މަންދޫބުންނާއެކުއެވެ. ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ހަރަކާތުގެ މަގްސަދަކީ ރަޘިއާގެ ބޮޑު 3 ސިޓީއެއްގައި އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކައިލުމެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޕާޓްނާޝިޕްތައް އުފައްދައި ގުޅުންތައް ބަދަހިކޮށް, ހަރުދަނާކޮށް, ރާއްޖޭގެ އެންމެ ފަހުގެ ޑެސްޓިނޭޝަން މައުލޫމާތު ފޯރުކޮށްދިނުމަށް ޕްލެޓްފޯމެއް ފަހިކޮށްދިނުމަށެވެ.
މިއީ މުޅި އަހަރު ދުވަހަށް ބަހާލައިގެން ބޮޑެތި އަދި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މާކެޓުތަކުގައި ބާއްވާ ގްލޯބަލް ރޯޑްޝޯތަކުގެ ތެރެއިން ފުރަތަމަ ރޯޑްޝޯއެވެ.
މިއީ ރަޝިއާއަށް ޚާއްސަކޮށްގެން ބާއްވާ މި އަހަރުގެ ފުރަތަމަ ހަރަކާތެވެ. ފެބްރުއަރީ 3 ވަނަ ދުވަހު ސެއިންޓް ޕީޓާސްބާގް ގައި, ފެބްރުއަރީ 5 ވަނަ ދުވަހު މޮސްކޯ ގައި, އަދި ފެބްރުއަރީ 7 ވަނަ ދުވަހު ޓިއުމިންގައި ރޯޑްޝޯތައް ކުރިއަށް ދާނެއެވެ.
މި ހަރަކާތުގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އިންޓަރެކްޓިވް ފޮޓޯ ޒޯނެއްގެ އިތުރަށް ހިތްގައިމު ސަގާފީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. މީގެއިތުރުން, ޓްރެވަލް ޓްރޭޑް މީޑިއާއާއި ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޯށްދިނުމަށް މޮސްކޯގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއާއެކު އިންޓަރެކްޓިވް ސުވާލުތަކާއެކު "މޯލްޑިވްސް ޕާސްޕޯޓު" މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ރޯޑްޝޯގައި ބީޓުބީ ބައްދަލުވުންތަކާއި ނެޓްވޯކިން ސެޝަންތަކާއި ޑެސްޓިނޭޝަން ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު, ރާއްޖެއަކީ އެންމެ މަގްބޫލު ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި އިސްތިހާރުކުރުން ކުރިއަށް ދާނެއެވެ.
ސެއިންޓް ޕީޓާސްބާގްގައި ކުރިއަށްދާ ހަރަކާތުގައި ކެނަރީފް ރިސޯޓުން ސްޕަޮންސާކޮށްފައިވާ ހޮލިޑޭ ގިވްއަވޭ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއީ 2 މީހަކަށް ރިޓާން ޓްރާންސްފާ އާއެކު 2 ނައިޓް ފުކްބޯޑް ސްޓޭއެކެވެ.
ވިޒިޓް މޯލްޑިވްސް ޓީމުން ރަޝިއާ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ވެބިނާ ސީރީޒް އަކާއި, ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ އެކު ހިންގާ ކެމްޕެއިންތަކާއި ޕީއާރް ހަރަކާތްތަކާއި, މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ އިތުރުން ޑެސްޓިނޭޝަން މެނޭޖުމަންޓް ކުންފުނިތަކާއެކު ހިންގާ ކެމްޕެއިންތައް ހިމެނެއެވެ.
ނިމުނު އަހަރު ރާއްޖޭގެ ދެވަނަ ޓޮޕް ސޯސް މާކެޓަކީ ރަޝިއާއެވެ. މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 20,902 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު, މިވަގުތު ރާއްޖޭގެ 2 ވަނަ ޓޮޕް ސޯސް މާކެޓުގެ މަގާމުގައި ވަނީ ރަޝިއާއެވެ. ވިޒިޓް މޯލްޑިވްގެ އަމާޒަކީ ރަޝިއާގެ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ރާއްޖެ މަގާމު ދެމެހެއްޓުން ކަމުގައި އެމްއެމްޕިއާރްސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ