ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ކެންސަރު ޖެހޭ އާންމު ސަބަބަކަށް ވައި ނުސާފުވުން
ވައި ނުސާފުވުމަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހޭ އާންމު ސަބަބަކަށް މިހާރު ވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ލާންސެޓް ރެސްޕިރޭޓަރީ މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާއިން ދައްކާގޮތުގައި، ވައި ނުސާފުވުމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ކަމަށް ފާހަގަކުރެވިފައިވަނީ ދެކުނު އިރުމަތީ އޭޝިއާގެ މީހުންނަށެވެ. ޚާއްސަކޮށް އަންހެނުންނަށެވެ. ކެންސަރު ބަލިތަކުގެ ތެރެއިން އެންމެ އާންމު ވައްތަރަކީ ފުއްޕާމޭގެ ކެންސަރެވެ. އެގޮތުން 2022ވަނަ އަހަރު 2.5 މިލިއަން މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވެއެވެ. ފުއްޕާމޭގެ ކެންސަރުގެ ބާވަތެއްކަމަށްވާ އެޑިނޯކާސިނޯމާ 185 ގައުމެއްގެ އަންހެނުންގެ މެދުގައި އާންމުވެފައިވާ ކަމަށްވެސް މި ދިރާސައިން ވަނީ ދައްކާފައެވެ. އަދި ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރަނީސް ކެންސަރު ޖެހޭ މީހުންގެ ތެރެއިން 53 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުންނަށް ޖެހެނީ އެޑިނޯކާސިނޯމާ ކަމަށްވާއިރު، އެ މީހުންނަށް ކެންސަރު ޖެހެން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވައި ނުސާފުވުން ހިމެނިދާނެ ކަމަށް ދިރާސާއިން ދައްކައެވެ. ޗައިނާގެ ޚަރަދުގައި ހަދައިފައިވާ އެ ދިރާސާގައިވާ ގޮތުން، ދުނިޔޭގެ ގިނަ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުވަމުން އަންނައިރު، ދުންފަތުގެ އިސްތިއުމާލު ނުކުރަނީސް ފުއްޕާމޭގެ ކެންސަރު ޖެހޭ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. މީގެ އިތުރުން ވައި ނުސާފުވުމާ ގުޅުވޭ އެޑިނޯކާސިނޯމާ އެންމެ ގިނައިން ފެންނަނީ އިރުމަތީ އޭޝިއާއިން ކަމަށާއި، ޚާއްސަކޮށް ޗައިނާގައި އެފަދަ ބަލި މީހުން އިތުރު ކަމަށް އެ ދިރާސާގައިވެއެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބުރުނާއީ، މިޔަންމާ، ކެމްބޯޑިއާ، އީސްޓް ޓިމޯރް، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް އަދި ވިއެޓްނާމެވެ. އަދި އިރުމަތީ އޭޝިއާގައި ހިމެނެނީ ޗައިނާ، މޮންގޯލިއާ، މަކާއު، ދެކުނު ކޮރެއާ، ޓައިވާން، ޖަޕާން، ހޮންކޮންގް، ޖަޕާން އަދި އުތުރު ކޮރެއާއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ލަފާކުރެވެއެވެ. https://sun.mv/202204 ރާއްޖޭގައި އާންމު ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް، ލިވާ އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނޭ ކަމަށް އެޗްޕީއޭއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ