ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމަށް މަސައްކަތް ކުރި، ޖެރަޑް ޖެންސާއާ އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވައިފި ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމަށް މަސައްކަތް ކުރި، ޖެރަޑް ޖެންސާއާ އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ޓެރަރިޒަމްގެ ހުކުމުން އެ މަނިކުފާނު ސަލާމަތް ކުރުމަށް ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ޖެރަޑް ޖެންސާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޖެރަޑް އާއި އަބްދުއްރަހީމް ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.
ޖެރަޑް ޖެންސާއަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ލޯޔަރެކެވެ. އޭނާއަކީ ނަޝީދުގެ މައްޗަށް މާޗު 13، 2015 ގައި އިއްވި 13 އަހަރުގެ ޖަލު ހުކުމުން އެ މަނިކުފާނު ސަލާމަތް ކުރުމަށް މަސައްކަތް ކުރި ބައިނަލްއަގުވާމީ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ ޓީމުގައި ދެން މަސައްކަތް ކުރެއްވީ އަމާލް ކްލޫނީ އެވެ.
ނަޝީދު މިނިވަން ކުރުމުގެ މަސައްކަތުގައި އޭރު ހަރަކާތްތެރިވި، ލޯޔަރުންގެ ޓީމުން ރާއްޖޭގެ އިތުރުން ބޭރުގައި ވެސް މަސައްކަތްތަކެއް ކުރެއްވި އެވެ.
ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖެރަޑްއާ އަބްދުއްރަހީމް މިއަަދު ބައްދަލު ކުރެއްވިއިރު، މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ކުރީގެ ރައީސް ނަޝީދުއާ ވެސް އަބްދުއްރަހީމް ބައްދަލު ކުރެއްވި އެވެ.
ޖެރަޑް ޖެންސާއާ އަބްދުއްރަހީމް މިއަދު ބައްދަލު ކުރައްވާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އޮތް ގުޅުން ހީނަރުވެ، އަބްދުއްރަހީމްގެ އަރިސް ބައެއް ބޭބޭފުޅުން، ތިއްބެވި މަގާމުތަކުން ދުރު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެތެރޭގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.
އެކަމަކު، މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުއްރަހީމްއަކީ އެމަނިކުފާނު އެންމެ ފަހުރުވެރިވާ ސިޔާސީ ޝަހުސިއްޔަތު ކަމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަޅުގަނޑު އެންމެ ބޮޑަށް އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް،" އޭޕްރީލް 6، 2024، ގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ