ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރުމުން: "އެއީ ކުރިން ވެސް ވަގަށް ނަގައިފައި އޮތް ސައިކަލެއް"
ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރުމުން، އެ ސައިކަލަކީ ދުއްވުމުގެ ކުރިން ވެސް ވަގަށް ނަގައިފައި އޮތް ސައިކަލެއް ކަމަށް މީހަކު ކޯޓުގައި ބުނެފިއެވެ. ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މި ހަފުތާގެ ތެރޭ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ކުރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ، އެ މީހާ ހައްޔަރުކުރީ ވަގަށް ނަގައިފައިވާ ސައިކަލެއް ދުއްވަނިކޮށް ކަމަށެވެ. ނަމަވެސް ކޯޓުގައި ވާހަކަ ދައްކަމުން އެ މީހާ ބުނީ އެ ސައިކަލަކީ އޭނާ ދުއްވުމުގެ ކުރިން ވެސް ވަގަށް ނަގައިފައި އޮތް ސައިކަލެއް ކަމަށެވެ. އެ މީހާއަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދު ރިކޯޑު އޮތް މީހެއް ކަމަށް ކޯޓު އަމުރުގައިވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، ސައިކަލު ވަގަށް ނަގައިގެން ދޭތެރެއަކުން މީހުން ހައްޔަރުކުރެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 7،015 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،971 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ