މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާކަމަށް މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހައްވާ ޝިފާނާ މިއަދު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުގައި ކުރިން އިންނެވީ، ހުޅުމާލެ މެދު ދާއިރާގެ ޕީއެންސީގެ ކައުންސިލަރު އަހުމަދު ސަނީފު ހަނީފެވެ. އޭނާ އެ މަގާމަށް ހަމަޖެއްސިތާ އެއް ދުވަސް ވެސް ނުވަނީސް މީގެ ދެ ހަފްތާ ކުރިން ވަނީ އިސްތިއުފާ ދެއްވާފަ އެެވެ.
ތަފްސީލް - އެ ކޮމިޓީގެ ޗެއާ އަކަށް ޝިފާނާ ހަމަޖެއްސީ މިއަދު ބޭއްވި ކައުންސިލް ރަސްމީ އާންމު ޖަލްސާގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްވީ އެމްޑީޕީގެ މެޖޯރަޓީ އޮންނަ މި ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ކޮމިޓީގެ ނައިބަކަށް އިންނަވަނީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އިސްމާއިލް ހަލީމެވެ.
އެނގުން މުހިންމު - ކުރިން އެ މަގާމަށް ހަމަޖެއްސި ސަނީހަކީ، 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިނުވާ މީހަކަށް އެޗްޑީސީގެ ތެރެއިން ބިން ދިން މައްސަލާގައި އެ ތަނުގެ ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުއްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.
ސަނީހު އިސްތިއުފާ ދެއްވީ، އެފަދަ ތުހުމަތުތަކެއް އޮއްވައި އޮޑިޓް ކޮމިޓީއަށް އައްޔަންކުރުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވަނިކޮށެވެ.
ފާހަގަކޮށްލެވޭ - ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓަކާއި ކުލީ އާމްދަނީއެއް ލިބޭ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓެއް އެންމެ ފަހުން ނެރުނީ 2020ގަ އެވެ.
އޭގެ ފަހުން އެތެރޭގެ އޮޑިޓެއް ސިޓީ ކައުންސިލުން ހެދި ނަމަވެސް އެ ރިޕޯޓްގެ ބައެއް މައުލޫމާތުތައް ނުދިނުމަށް އިންފޮމޭޝަން އޮފިސަރު މި ހަފްތާގައި ނިންމުމުން އެ މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. އެ މައްސަލާގައި މޭޔަރު އާޒިމް ވިދާޅުވެފައިވަނީ އެ ގޮތަށް އިންފޮމޭޝަން އޮފިސަރު ނިންމީ ސިޓީ ކައުންސިލާ މަޝްވަރާނުކޮށް ކަމަށެވެ.
ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާ އަކަށް އެމްޑީޕީގެ ކައުންސިލަރު ޝިފާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ