އަށް ގައުމެއްގެ އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުންނާއި ހައިކޮމިޝަނަރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތުތައް ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަފީރުން ރައީސް އޮފީހަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭންޑާއެކު، ސަގާފީ 'ހައިކޮޅު' ގައި ހިނގާފައެވެ.
މިއަދު ފަތްކޮޅު އެރުވި ސަފީރުންނަކީ ނެމީބިއާގެ ހައިކޮމިޝަނަރު އެލެކްސް އެލް. ތުހަދެލެނީ، ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރެސް ހެނާންޑޭޒް، ކިއުބާގެ ނޮން-ރެސިޑެންޓް ސަފީރު ޕެޓްރީޝިއާ ލަޒާރާ ޕެގޯ ގުއޭރާ، ފިޖީގެ ހައިކޮމިޝަނަރު ޖަގަންނާތު ސާމީ، ކޮސޯވޯގެ ނޮން-ރެސިޑެންޓް ސަފީރު ލުލްޒިމް ޕްލާނާ، ސޯމާލިއާގެ ނޮން-ރެސިޑެންޓް ސަފީރު ޑރ. އަބްދުﷲ މުހައްމަދު އޮޑޯވާ، ސްލޮވީނިއާގެ ނޮން-ރެސިޑެންޓް ސަފީރު ތޯމަޒް މެންސިން އަދި ގަތަރުގެ ނޮން-ރެސިޑެންޓް ސަފީރު ހަމަދު މުހައްމަދު އަބްދުﷲ އަލް އަސަނަދު އަލް ދޯސަރީ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ސަފީރަކާ ވަކިވަކިން ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުންތައް ބަދަހިކުރުމާއި ދެ ފަރާތުގެ މަސްލަހަތު ހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ފަތުރުވެރިކަން، ވިޔަފާރި، ތައުލީމް، ސިއްހީ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ޚާއްސަ ގޮތެއްގައި ގަތަރުގެ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން އެ ގައުމަށް ކުރެއްވި ދަތުރުފުޅު ހަނދާން އާކުރައްވައި، އިގްތިސާދީ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކިއުބާގެ ސަފީރު ވަނީ އދ. ގައި ރާއްޖެއިން އެ ގައުމަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ސޯމާލިއާގެ ސަފީރާއެކު އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ބައްދަލުވުންތަކުން ދޭހަވަނީ މި ހުރިހާ ގައުމުތަކާއެކު އޮތް ހާރިޖީ އަދި އިގްތިސާދީ ގުޅުންތައް ފުޅާކުރުމަށް ރާއްޖެއިން ދޭ އަހަންމިއްޔަތެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރުންނަށް މަރުހަބާ ވިދާޅުވެ، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮތް ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ