އިޤްތިޞާދީ ގުޅުން ބަދަހިކުރަން ޤަޠަރާއެކު މަޝްވަރާކުރައްވައިފި

އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ޤަތަރާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ، ޤަޠަރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އައު ސަފީރާ ބައްދަލުކުރައްވައި، އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޢުމްރާނީ ތަރައްޤީއާއި، މާލީ އެހީތެރިކަމާއި ވުނަކުރުން ހިމެނޭހެން ދެ ޤައުމުގެ މަސްލަހަތު ހިއްސާކުރާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ޤަޠަރަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި އުޚުއްވަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަ ކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވެސް ކަށަވަރު ކޮށްދެއްވިއެވެ.
ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ، 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ