'ޑިޖިޓަލް ފޯ އޯލް' ކެމްޕޭނާއެކު ދިވެހިން ޑިޖިޓަލް ދުނިޔޭގެ ކުރީ ސަފަށް ނެރެދޭނެ: މިނިސްޓަރު ޝަފީއު

ސަރުކާރުން ކުރިއަށްގެންދާ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ދިވެހި ރައްޔިތުން ޑިޖިޓަލް ކަންކަމަށް އަހުލުވެރިކުރުވައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށް ތައުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފުތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ރޮނގުން ދިވެހީންނަކީ ގާބިލު ބަޔަކަށް ހެދުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ތަރައްގީކުރެއްވުން ކަމަށެވެ. ޑިޖިޓަލް 2.0 ގެ ތެރެއިން އަންނަ ބޮޑެތި ބަދަލުތަކަށް ދިވެހި އާބާދީ ހޭލުންތެރިވެ، އިލްމީ އަދި ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުސަތު މި މަޝްރޫޢުގެ ސަބަބުން ފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ތިން އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މި ކެމްޕޭނާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ރާއްޖެގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ކައުންސިލްތަކާ ގުޅިގެން، ރާއްޖޭގެ ކޮންމެ ރައްޔިތަކީ އެހީތެރިކަން ދީގެން ޑިޖިޓަލް ނިޒާމްތައް ބޭނުންކުރެވޭނެ މީހަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. މީގެ އިތުރުން، ޑިޖިޓަލް ދުނިޔެއަށް އަހުލުވެރި ބަޔަކު ބިނާކުރުމަށްޓަކައި ކުދި އަދި މަދުމަދުން ހޯދާ ތަމްރީނާއި ހުނަރު އެއްކޮށްލައިގެން ސެޓްފިކެޓާ ހަމައަށް ދިއުމުގެ މަގު ފަހިކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ އެމްކިއުއޭ، މައިންޑްކޯ، މޯލްޑިވްސް ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ގައުމީ ފެންވަރުގައި ކުރާ މަސައްކަތެއް ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުރިއަށްދެވޭނެ މަގު ފަހިކޮށްދީ، އުފެއްދުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ރާއްޖެއަކީ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ބައްޓަން ކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރިހާ ރައްޔިތުންނަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައި ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ