ހިންމަފުށީގައި މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓްކޮށްލަނީ

ކ. ހިންމަފުށީގައި މާރާމާރީ ހިންގި މިސްރު ދެ މީހުން ހައްޔަރުކޮށް، ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަނަށް ހުށަހަޅައިފިއެވެ.
ފުލުހުން ވިދާޅުވީ، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 19:24 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މިސްރަށް ނިސްބަތްވާ ބިދޭސީ 2 ފިރިހެނުންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އެ މީހުން ދެ ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށް ފުލުހުން ވިދާޅުވެިއެވެ. ފުލުހުން ގެންދަނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަދި ތަހުގީގުގެ ހޯދުންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މި ދެމީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ