ނެމީބިއާއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ވިޔަފާރިއާއި ވުނަކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ކުރިއެރުންތައް ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ނެމީބިއާއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެއްވީ، ނެމީބިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، އެލެކްސް އެލް ޓުކުހުޕްވެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ނެމީބިއާގެ ހައިކޮމިޝަނަރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި ވުނަކުރުމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ޙިއްޞާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ނެމީބިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1990 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ