އިނގިރޭސިވިލާތުގައި ޒުވާން އަންހެނުންނަށް ޓައިޕް 2 ހަކުރުބަލި ޖެހޭ މިންވަރު އިތުރުވެއްޖެ

އިނގިރޭސިވިލާތުގައި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާން އަންހެނުންނަށް "ޓައިޕް 2", ހަކުރުބަލި ޖެހޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާ ކަމަށް އިމްޕީރިއަލް ކޮލެޖް ލަންޑަންގެ މާހިރުން ބުނެފިއެވެ. އެންއެޗްއެސްގެ 2011 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބިނާކޮށް ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، މި ބަލި ޒުވާނުންގެ މެދުގައި އިތުރުވާން ފަށާފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމަށް ފަހުގައެވެ. މިއީ ފަލަބަލި ނުވަތަ އޮބީސިޓީ އިތުރުވުމާ ގުޅިފައިވާ ކަމެއް ކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ. ހަކުރުބަލިން ރައްކާތެރިވުމަށް، ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުން މުހިއްމު: -- ފޮޓޯ: އީބްލޮގްލައިން އިނގިރޭސިވިލާތުގައި ހަކުރުބަލި ތަހައްމަލުކުރާ ހަ މިލިއަން މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ޓައިޕް 2 ހަކުރުބަލީގެ މީހުންނެވެ. އެންއެޗްއެސް އިން އަންދާޒާކުރާ ގޮތުގައި އުމުރުން 30 އަހަރުން ދަށުގެ 12،000 މީހުން މިހާރު ވެސް މި ބަލި ތަހައްމަލުކުރަމުންދާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ދެހާސް ނަވާރަ ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު، އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރޭގައި ފަލަބަލީގެ އާ ކޭސްތައް ވަނީ 16 އިންސައްތަ އިތުރުވެފައެވެ. މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޝިވާނީ މިސްރާ ބުނި ގޮތުގައި، ޒުވާން އުމުރުގައި ފަލަބަލި ޖެހުމަކީ ކުރީކޮޅު "ޓައިޕް 2", ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. އަދި މިއީ ސިއްހީ ގޮތުން ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ޑައިބެޓީސް ޔޫކޭއިން ބުނާ ގޮތުގައި، ޒުވާން އުމުރުގައި މި ބަލި ޖެހުމުން ބަލީގެ ނުރައްކާ ބޮޑުވެ، ހިތުގެ މައްސަލަތަކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ހާލަތްތަކަށް މަގުފަހިވެއެވެ. އެހެންކަމުން، މާބަނޑު ދުވަސްވަރު ހަކުރުމައްޗަށްދާ އަންހެނުންނަށް ވިހެއުމަށްފަހު ދެވޭ ފަރުވާ ހަރުދަނާކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ