ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ރަސްމިއްޔާތަށް ހައި ކޮމިޝަނަރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
އައު ހައި ކޮމިޝަނަރުން، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށް ޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވި ބޭފުޅުންނަކީ:
1- ނަމީބިއާގެ އައު ހައިކޮމިޝަނަރު އެލެކްސް އެލް. ތުކުހުޕްވެލޭއާ
2- ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހެނާންޑޭޒް
3- ކިއުބާގެ ނޮން-ރެސިޑެންޓް ސަފީރު ޕެޓްރިޝިއާ ލާޒާރާ ޕެގޯ ގުއޭރާ
4- ފިޖީގެ އައު ހައިކޮމިޝަނަރު ޖަގަންނާތު ސާމީ
5- ކޮސޯވޯގެ ނޮން-ރެސިޑެންޓް ސަފީރު ލުލްޒިމް ޕްލާނާ
6- ސޯމާލިއާގެ ނޮން-ރެސިޑެންޓް ސަފީރު ޑރ. އަބްދުﷲ މުހައްމަދު އޮޑޯވާ
7- ސްލޮވީނިއާ ނޮން-ރެސިޑެންޓް ސަފީރު ތޯމަޒް މެންސިން
8- ގަތަރު ނޮން-ރެސިޑެންޓް ސަފީރު ހަމަދު މުހައްމަދު އަބްދުﷲ އައްސަނަދު އައްދޯސަރީ
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހައި ކޮމިޝަނަރުންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާ އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ކޮންމެ ޤައުމަކާއެކުވެސް މުހިއްމު ދާއިރާތަކުން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، ނަމީބިއާގެ އައު ހައިކޮމިޝަނަރު އެލެކްސް އެލް. ތުކުހުޕްވެލޭއާ ބައްދަލުކުރައްވައި ފަތުރުވެރިކަން، ވިޔަފާރި، އިންވެސްޓްމަންޓް، މަސްވެރިކަން އަދި ސިއްހީ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ރާއްޖެއާއި ނަމީބިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 26 ޖުލައި 1990 ގައެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަނާންޑޭޒްގެ ފަތްކޮޅު ރައީސް ގަބޫލުކުރައްވާ، ދެ ބޭފުޅުން ވަނީ ތިމާވެއްޓާއި “ބްލޫ އިކޮނޮމީ“ އާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ދެ ގައުމަކީވެސް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށްވާތީ، ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވުނެވެ. ޑޮމިނިކަން ރިޕަބްލިކް އާއި ދިވެހިރާއްޖެ އާއި ގުޅުން ގާއިމުކުރީ 17 މާރިޗު 2010 ގައެވެ.
ކިއުބާގެ ނޮން-ރެސިޑެންޓް ސަފީރު ޕެޓްރިޝިއާ ލާޒާރާ ޕެގޯ ގުއޭރާއި ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވާ ސިއްހީ ދާއިރާ، މަތީ ތައުލީމު، ތަމްރީނު ޕްރޮގްރާމްތައް އަދި ކުޅިވަރުގެ ދާއިރާއިން، ވަކިން ހާއްސަކޮށް ވޮލީބޯޅައިން އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ދެ ގައުމުގެ ގުޅުން ފެށުނީ 29 ޖެނުއަރީ 1977 ގައެވެ.
ފިޖީގެ އައު ހައިކޮމިޝަނަރުއާއި ބައްދަލުކުރައްވާ މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެެއްވިއެވެ. ދިވެހިރާއްޖެ އާއި ފިޖީގެ ގުޅުން ގާއިމުކުރީ 15 މާރިޗު 1988 ގައެވެ.
ކޮސޯވޯގެ ނޮން-ރެސިޑެންޓް ސަފީރު ލުލްޒިމް ޕްލާނާވެސް ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވާ ތައުލީމު، ޒުވާނުންގެ ތަރައްގީ، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. ދެ ގައުމުގެ ގުޅުން ޤާއިމުކުރީ 15 އެޕްރީލް 2009 ގައެވެ.
ސޯމާލިއާގެ ނޮން-ރެސިޑެންޓް ސަފީރު ޑރ. އަބްދުﷲ މުހައްމަދު އޮޑޯވާގެ ފަތްކޮޅު ރައީސް ގަބޫލުކުރައްވާ ސަފީރުއާ ބައްދަލުކުރައްވާ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. ދެ ގައުމުގެ ގުޅުން ޤާއިމުކުރީ 10 މާރިޗު 1988 ގައެވެ.
ސޮލްވީނިއާ ނޮން-ރެސިޑެންޓް ސަފީރު ތޯމަޒް މެންސިންއާއި ބައްދަލުކުރައްވާ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ޔަގީންކަން ދެއްވާފައެވެ. ދެ ގައުމުގެ ގުޅުން ގާއިމުކުރީ 4 މާރިޗު 1996 ގައެވެ.
ގަތަރު ނޮން-ރެސިޑެންޓް ސަފީރު ހަމަދު މުހައްމަދު އަބްދުﷲ އައްސަނަދު އައްދޯސަރީގެ ފަތްކޮޅު ރައީސް ގަބޫލުކުރައްވާ ސަފީރާއި ބައްދަލުކުރައްވާ އިގްތިސާދީ ދާއިރާއާއި، ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީގެ އިތުރުން މާލީ އެހީތެރިކަމާއި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. ދިވެހިރާއްޖެ އާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ގާއިމުކޮށްފައިވަނީ 26 މޭ 1984 ގައެވެ.
މިއަދުގެ މި ރަސްމިއްޔާތުތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް މަރުޙަބާ ދަންނަވައި، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ