ސެންޓާ އެންޓަޕްރައިސަސްއިން "ފޭކު" އިންވޮއިސްތަކެއް ކޯޓަށް ހުށަހެޅި މައްސަލަ ފުލުހަށް

ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށްވާ ފައިސާ ހޯދުމަށް އެދި ސައްހަ ނޫން ލިޔުންތަކެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިދޭން އެދި ބަންޑާރަނައިބު (އޭޖީ) އޮފީހުން ފުލުހުންގެ ޚިދުމަތުގައި އެދިއްޖެއެވެ. އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ 2006ވަނަ އަހަރާއި 2008ވަނަ އަހަރު ސެންޓާ އެންޓަޕްރައިސަސްއިން ދައުލަތުގެ އިދާރާތަކަކަށް ދިން ޚިދުމަތަށްވާ ފައިސާ ހޯދަން އެދި ސިވިލް ކޯޓަށް ތިން މައްސަލައެއް ހުށަހެޅި ކަމަށެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅު ހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ. އޭޖީ އޮފީހުން ބުނީ އޭގެ ތެރެއިން ދެ މައްސަލައެއްގައި އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުންތަކެއް ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަ ބަލައިދޭން ފުލުހުން ޚިދުމަތުގައި އެދުނީ ކަމަށެވެ. އެ އޮފީހުން ބުނީ، ސެންޓާ އެންޓަޕްރައިސަސްއިން ދައުލަތަށް ރައްދުވާހެން ހުށަހަޅާފައިވާ މައްސަލަތަކުގައި، އެ ކުންފުންޏާއި ދައުލަތާ ދެމެދު ކޮށްފައިވާ މުއާމަލާތްތައް ސާބިތުކުރަން ހުށަހެޅި ލިޔުންތަކާމެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް ދައުލަތުން ކޯޓަށް ހުށަހެޅި ޖަވާބުތަކުގައި ވަނީ އެދިފައެވެ. މި މައްސަލަތަކުގައި ސިވިލް ކޯޓާއި ހައިކޯޓުގެ ނިންމުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އޭޖީ އޮފީހުން ބުނީ، މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ޚާއްސަ އޮޑިޓެއް ތައްޔާރުކޮށްދެއްވުމަށް އެދިފައިވާ ކަމަށެވެ. އެ އޮޑިޓުގައި މިހައިތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓު ވެސް ލިބިފައިވާ ކަމަށް ބުންޏެވެ. އެ ގޮތުން އެ ކުންފުނިން ސައްހަ ނޫން އިންވޮއިސްއެއް ސިވިލް ކޯޓަށް ހުށަހެޅިކަމާއި، ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް ސާމާނު ސަޕްލައިކޮށްދިން ކަމުގެ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތައް ހުށަހެޅިކަން އޮޑިޓުން ފާހަގަކުރެވުނު ކަމަށް އެ އެ ބަޔާނުގައިވެއެވެ. މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުން މުހިންމު ކަމަށް އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ލަފަޔާއި، އޭޖީ އޮފީހަށް ވެސް އެ ފަދަ ތަހުގީގެއް ހިންގުމަށް ފެންނާތީ އެ މައްސަލަ ފުލުހަށް ހުށަހެޅީ ކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ