ލިވަޕޫލްގެ ޕްރިމިއާ ލީގުގެ ކާމިޔާބީ ފާހަގަކުރަން ހުޅުމާލޭގައި ހަަވާއަރުވަނީ ލިވަޕޫލްގެ ޕްރިމިއާ ލީގުގެ ކާމިޔާބީ ފާހަގަކުރަން ހުޅުމާލޭގައި ހަަވާއަރުވަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، ލިވަޕޫލުން ހޯދުމާ ގުޅިގެން، ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ކްލަބް، "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ)" އިން ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވައި ހަވާ އަރުވަން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ފުޓްބޯޅަ ކްލަބް ސަޕޯޓަރުންގެ ޖަމިއްޔާ ކަމަށްވާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން މިރޭ މީޑިއާ އަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، ލިވަޕޫލުން އިނގިރޭސި ލީގު ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ހޯދުމާ ދިމާކޮށް، ލީގުގައި ލިވަޕޫލުން ކުޅޭ ފަހު މެޗު ބެލުމާ އެކު ހަވާއެރުވުމުގެ ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި ހަރަކާތް ރޭވިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 7:30 ފެށިގެން ހުޅުމާލެ ފޭސް 2 ރުއްގަނޑު ސަރަހައްދުގަ އެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި ލިވަޕޫލަށް ސަޕޯޓްކުރާ ހުރިހާ ސަޕޯޓަރުންގެ އިތުރުން، ކުޅިވަރަށް ލޯބިކުރާ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވުމަށް ލިވަޕޫލް ސަޕޯޓާސް ކްލަބުން އެދެ އެވެ.
"މިހަރަކާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ލިވަޕޫލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗު ނިމުމަށް ފަހު ލިވަޕޫލަށް މިސީޒަންގެ ޕްރިމިއާލީގް ތަށި ހަވާލުކުރާ ވަގުތާއި ދިމާކޮށް 10:15 އާއި 10:30 އާއި ދެމެދު އެވެ،" ލިވަޕޫލް ސަޕޯޓަރުންގެ ކްލަބުން ބުނެފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މީގެ ދެ މަސް ކުރިން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ލިވަޕޫލާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެ ކުލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ގޮތުގައި ރާއްޖެ ހަމަޖައްސައިފަ އެވެ.
މީގެ ހަތް އަހަރު ކުރިން ރަސްމީކޮށް ހިންގަން ފެށި ރާއްޖެ އަށް ނިސްބަތްވާ ލިވަޕޫލްގެ ރަސްމީ ސަޕޯޓަރުންގެ ކްލަބް، އޯއެލްއެސްސީ ވަނީ އެކިއެކި ހަރަކާތްތައް ހިންގައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ލިވަޕޫލްގެ ލެޖެންޑް، ޑެނިއަލް އެގާ، ރާއްޖެ ގެނެސް ހާއްސަ އިވެންޓެއް ބޭއްވި އެވެ. ރާއްޖޭގައި އުޅޭ އެހެން ކްލަބްތަކުގެ ސަޕޯޓަރުންނަށް ހުޅުވާލައިގެން މުބާރާތެއް ވެސް އިންތިޒާމްކުރިއިރު، އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީ އަށް 10،000 ރުފިޔާ ވެސް ހަދިޔާކުރި އެވެ.
މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް "ފްރީޑަމް ޗެރިޓީ" ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ގޮނޑި ހަދިޔާކުރުމުގެ ހަރަކާތެއް ވެސް ވަނީ ހިންގައިފަ އެވެ. އަދި، ދާދި ފަހުން، ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަަވަރުކުރި މެޗު ބަލަން، ކ. ހުރާ އަށް ވެސް ވަނީ ދަތުރެއް ރާވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ