މެޑްރިޑް، ސްޕެއިން (މެއި 22) - ރެއާލް މެޑްރިޑްގެ ލެޖެންޑަރީ މިޑްފީލްޑަރު ލޫކަ މޮޑްރިޗް، 13 އަހަރަށްފަހު އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.
މީގެ ކުރިން ރިޕޯޓްތައް ބުނިގޮތުގައި މޮޑްރިޗް އިތުރު އެއް ސީޒަނުގައި ރެއާލުގައި މަޑުކުރާނެ އެވެ. އެކަމަކު، މޮޑްރިޗް މިއަދު، ސޯޝަލް މީޑީއާގައި ނެރުނު ބަޔާނުގައި ބުނީ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި ރެއާލްގެ ޖާޒީގައި ކުޅޭނެ އެންމެ ފަހު މެޗަކީ މާދަމާ ސްޕެނިޝް ލީގުގައި ރެއާލް ސޮސައިޑާޑްއާ ދެކޮޅަށް ކުޅޭ މެޗު ކަމަށް މޮޑްރިޗް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގެ ކޯޗުކަމާ މި ސީޒަނަށްފަހު ހަވާލުވާ ޒަބި އެލޮންސޯ ވަނީ މޮޑްރިޗް އިތުރު އެއް ސީޒަނުގައި ރެއާލުގައި ބަހައްޓަން މަސައްކަތްވެސް ކޮށްފަ އެވެ.
"މިއީ އަހަރެން ދުވަހަކުވެސް އަންނަން ބޭނުންވި ވަގުތެއް ނޫން. އެކަމަކު މިއީ ފުޓުބޯޅަ. ހަޔާތުގައި ކޮންމެ ކަމެއްގައި ވެސް ފެށުމެއް އަދި ނިމުމެއްވާނެ. ހޮނިހިރު ދުވަހަކީ ސެންޓިއާގޯ ބާނެބެއޮގައި އަހަރެން ކުޅޭނެ ފަހު މެޗު" މޮޑްރިޗް ބުންޏެވެ.
މޮޑްރިޗް ބުނީ ޓޮޓެންހަމް ދޫކޮށް 2012 ވަނަ އަހަރު އޭނާ ރެއާލަށް ބަދަލުވީ ރެއާލްގެ ޖާޒީގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށާއި ކާމިޔާބު ހޯދުމަށް ކަމަށެވެ. އެކަމަކު ރެއާލާއެކު ހޭދަކުރި ދުވަސްތަކުގައި ހޯދުނު ކާމިޔާބީތަކަކީ ދުވަހަކުވެސް ހިތައް އެރި ކަމެއް ނޫން ކަމަށް މޮޑްރިޗް ބުންޏެވެ.
"ރެއާލަށް ކުޅުންވެގެންދިޔައީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ކަމަކަށް. ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަދި އަމިއްލަ މީހެއްގެ ގޮތުގައިވެސް. އަހަރެން މިއަދު ފަހުރުވެރިވޭ ދުނިޔާގެ އެންމެ މޮޅު ފުޓުބޯޅަ ކްލަބުގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އަހަރެންއަށް ކުޅެލަން ފުރުސަތު ލިބުމުން" މޮޑްރިޗް ބުންޏެވެ.
ރެއާލްގައި ހުރި 2018 ވަނަ އަހަރު ބެލޮންޑޯ އެވޯޑް ހޯދި މޮޑްރިޗް ވަނީ އޭނާއާއެކު ކުޅުނު ކުޅުންތެރިން ކޯޗުން އަދި ރެއާލުގެ ރައީސް ފްލެރިންޓީނޯ ޕެރޭޒަށް ޝުކުރުއަދާކޮށްފަ އެވެ.
ރެއާލާއެކު ގާތްގަނޑަށް 600 މެޗު ކުޅުނު މޮޑްރިޗް ވަނީ އެ ޓީމާއެކު ހަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގު، ކޮޕަ ޑެލްރޭ، ފީފާ ކްލަބް ވޯލްޑް ކަޕްވެސް މޮޑްރިޗް ކާމިޔާބުކޮށްފައިވެއެވެ. މޮޑްރިޗް ވަނީ ރެއާލާއެކު ޖުމްލަ 28 ތަށި ކާމިޔާބުކޮށްފަ އެވެ.
ރެއާލް ދޫކޮށްލާނެކަން މޮޑްރިޗް އިއުލާންކުރުުމުން، އޭނާއާ އެކު ރެއާލުގައި ކުޅުނު ކުރީގެ ކުޅުންތެރިން އަދި މިހާރުގެ ކުޅުންތެރިން އަންނަނީ ވާދާއީ މެސެޖު ލިޔަމުންނެވެ. އޭގެ ތެރޭގައި، ސާޖިއޯ ރާމޮސް، މާސެލޯ، ޓޯނީ ކްރޫސް، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކަސެމީރޯ ހިމެނެ އެވެ.
ރެއާލްގެ ލެޖެންޑް މޮޑްރިޗް އެ ޓީމު ދޫކޮށްލަން ނިންމައިފި ރެއާލްގެ ލެޖެންޑް މޮޑްރިޗް އެ ޓީމު ދޫކޮށްލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ