ވަގު ފޯމުގެ މައްސަލަ: ޑީއެންއާރުގެ ވެރިން ދެއްވީ އިއުތުރާފުގެ ބަޔާނެއްތަ؟

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ބައެއް ރައްޔިތުންނަށް ނޭނގި ޕާޓީގެ ދަފްތަރުގައި އެ މީހުން ޖެއްސި ކަމަށް ކުރާ ތުހުމަތުތަކުގެ "ހަގީގަތް ސާފުކޮށްދެއްވުމަށް" ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ވެރިން އިއްޔެ ނޫސްވެރިންނާ ކުރިމަތިލެއްވި އެވެ. އެބޭފުޅުން ބޭނުންފުޅުވީ ކުޑަ ނޫސް ކޮންފަރެންސަކާ އެކު ޑީއެންއާރުގެ މަސައްކަތް ހިނގާ ގޮތް ދައްކާލައި އެފަދަ ކަމެއް އެތަނުގެ ތެރެއިން ނުހިނގާނޭ ކަމުގެ ޔަގީންކަން އާންމުންނަށް ދެއްވުމަށެވެ. 
ޑީއެންއާރުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުން އާންމުންގެ މައުލޫމާތު ވަގަށް ނަގައިގެން ޕާޓީއަށް ވަގު ފޯމް ނުފުރޭނޭކަން ކަށަވަރުކޮށްދެއްވުމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދާއި ޑިއެންއާރުގެ ވެރިޔާ، ހޯމްލޭންޑުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ އިއްޔެ ދެއްކެވި ވާހަކަތަކުން ނޫސްވެރިންގެ އިތުރު ސުވާލުތައް އެބޭފުޅުންނަށް އަމާޒުވި އެވެ.
ނޫސްވެރިންގެ ޝައުގުވެރިކަން އޮތީ ޑީއެންއާރުގެ އެތެރެ ބަލައި ހޯދާކަށް ނޫނެވެ. ޑީއެންއާރަކީ ސަރުކާރުގެ ރަސްމީ އޮފީހަކަށްވާއިރު އެތަނުގެ ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކީއްވެތޯ ނޫސްވެރިން އެ ބޭފުޅުންނާ ތަކުރާރުކޮށް ސުވާލުކުރި އެވެ. އަދި އެ މަސައްކަތް ކުރަނިކޮށް އާންމުވެފައިވާ ފޮޓޯތަކާ ހަވާލާދީ ވެސް ނޫސްވެރިން އެބޭފުޅުންނާ ސުވާލުތައް އަމާޒުކުރި އެވެ. 
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަޖީދު ވިދާޅުވީ ފޮޓޯތަކުން ފެންނަނީ ޑީއެންއާރުގެ މަސައްކަތްތަކާ މުޅިން ވަކިން ހުންނަ މީޓިން ރޫމެއްގެ ތެރޭގައި މަސައްކަތްތަކެއް ކުރާތަން ކަމަށެވެ. އަދި ޑިއެންއާރުގެ އެއްވެސް މުވައްޒަފަކު އެކަމުގައި ބައިވެރި ނުވާ ކަމަށް ވެސް ވިދާޅުވެ ތުހުމަތަކަށް ރައްދު ދެއްވި އެވެ. 
"ތި އިޝާރާތް ކުރައްވާ[ޕީއެންސީގެ ފޯމު ފުރަން ތިބި] މީޓިން ރޫމަކީ ވަކިން އިންނަ މީޓިން ރޫމެއް. ދެން އެ މީޓިން ރޫމަކީ، މަސައްކަތުގެ މާހައުލާ ވަކިން މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައި ސެންޓްރަލްކޮށް މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓްތަކުނވެސްް އަޅުގަނޑުމެންނަށް ރިކުއެސްޓު ކުރުމުން އެ މީޓިން ރޫމް ބޭނުން ކުރެވޭ ގޮތަށް ހުރި ތަނެއްގެ ވާހަކަ ތި ވިދާޅުވަނީ،" މަޖީދު ވިދާޅުވި އެވެ.
"ދެން އެތަނުގައި އެތާ ތެރޭގައި އަޅުގަނޑުމެން ގެންގޮސްފައިވާ މަސައްކަތެކޭ ތި އިޝާރާތް ކުރައްވާ މަސައްކަތަކީ، ތި ދެންނެވި ބީދައިން ވަކިން ހުރި މީޓިން ރޫމެއްގެ ތެރެއިން ކުރެވިފައި އޮތް މަސައްކަތެއް."
އެ ވާހަކަތަކަށް ބާރު ދެއްވަމުން އާލީ ވިދާޅުވި ގޮތުގައި ފޮޓޯއިން ފެންނަ ދުވަހު މީޓިން ރޫމް ދޫކުރީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ބިޔުރޯއިން އެދިގެންނެވެ. އަދި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުން އެދުމުން އެ މީޓިން ރޫމް ދޫކުރުމަކީ އަބަދުވެސް ގެންގުޅޭ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި  އެތަނުގެ ތެރޭގައި ކުރަނީ ކޮން ކަމެއްކަން ޑީއެންއާރުން ނުބަލާ ކަމަށް އާލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާ ވެސް މީޓިން ރޫމަށް ދިޔައީ ޕިއްޒާއެއް ކާން ލިބުނު ދައުވަތެއްގައި ކަމަށެވެ. 
"އަޅުގަނޑު ފެންނަ ފޮޓޯގައި އިންނާނީ ޕިއްޒާއާއެކު. އިތުރު ފޮޓޯއެއް ނީންނާނެ. ދެން އޮންނަ އުސޫލުން ހަމަ މިނިސްޓްރީއަށް މީޓިން ރޫމް ދެމުން މިދަނީ. އެހެންވީމަ މީޓިން ރޫމްގައި ހުރީ ކޮން ކަމެއްތޯ ބުނަން އަޅުގަނޑަށް ވަރަށް ދަތި،" އާލީ ވިދާޅުވި އެވެ.
މާގިނައިން ނޫސްވެރިން ސުވާލުކުރަން ފެށުނުން މަޖީދު ވެސް ރާގު ބަދަލުކުރައްވާ ވިދާޅުވީ ޑީއެންއާރުގެ މީޓިން ރޫމް ދޫކުރުމުން އެތަނުގެ ތެރޭގައި ކުރީ ޕާޓީއަކަށް ފޯމް ފުރުމުގެ މަސައްކަތްކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ނެތް ކަމަށް ވިދާޅުވި އެވެ. 
ޕީއެންސީ ފޯމް ފުރުމުގެ ކަންކަން ޑީއެންއާރުގެ އޮފީހުގެ ތެރޭގައި ކުރާތަން ފެންނަ، އާންމުވެފައިވާ ފޮޓޯތަކުގައި އާލީ އާއި މަޖީދު ވެސް މިނިސްޓަރާ އެކު މޭޒު ދޮށުގައި އިންނަވާތަން ފެނެ އެވެ. އަދި ޕީއެންސީގެ މެންބަޝިޕް ފޯމްތަކާއި ފިންގާ ޕްރިންޓް ޖެހުމަށް ބޭނުން ކުރާ ދެލި ޕެޓް ވެސް ފޮޓޯތަކުން ފެނެ އެވެ. އެ ފޮޓޯތަކުގައި ޕިއްޒާއެއް ނެތެވެ. އެހެން ނަމަވެސް މޭޒުމަތީ ޕިއްޒާތައް ހުއްޓާ ފެންނަ އެހެން ފޮޓޯއެއް ވެސް އަންނަނީ ދައުރުވަމުންނެވެ. އެހެންކަމުން އެ މީޓިން ރޫމްގައި ހަމައެކަނި ކުރި ކަމަކީ ޕިއްޒާ ކެއުން ނޫންކަން ޔަގީންވެ އެވެ. 
މީގެ އިތުރަށް ފޯމް ފުރުމުގެ މަސައްކަތް ކުރީ ޑީއެންއާރުގެ މަސައްކަތާ ދުރުގައި ހުރި މީޓިން ރޫމެއްގައި ކަމަށް ބުނި ނަމަވެސް ޑީއެންއާރުގެ ބައެއް ސިސްޓަމްތައް ވެސް އެ މަސައްކަތުގައި ބޭނުން ކުރާތަން ފެންނަ އިތުރު ފޮޓޯއެއް ވެސް ދައުރުވެ އެވެ. އެ ފޮޓޯއިން ފެންނަނީ ޑީއެންއާރުގެ މީޓިން ރޫމުން ބޭރެވެ. 
އައިޑީ ކާޑް ހެއްދުމަށް ޑީއެންއާރަށް އާންމުން ދީފައިވާ މައުލޫމާތު، ވަގަށް ނަގައި ބޭނުންކޮށްފައި ނުވާކަން ސާތިބުކޮށްދެއްވަން މަޖީދު ދެން ދެއްކެވި ހުއްޖަތަކީ މިނިސްޓަރު އިހުސާން އިސްވެ ހުންނަވާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރެއްވީ މިނިސްޓްރީގެ ހުރިހާ ސިޔާސީ ފަރާތްތައް ބައިވެރިކޮށްގެން ވަރަށް ރޭވުންތެރިކަމާ އެކު އެވެ. އެވަރަށް މަސައްކަތްކޮށްގެން ވެސް އެއްކުރެވުނީ 1،700 އެއްހާ ފޯމްކަން ފާހަގަކުރައްވައި މަޖީދު ވިދާޅުވީ ޑީއެންއާރުގައި ހުރި އާންމުންގެ މައުލޫމާތު ވަގަށް ނެގި ނަމަ ފުރާނީ އެއަށް ވުރެ މާގިނަ ފޯމް ކަމަށެވެ.
މައުލޫމާތުން ވައްކަން ކުރުމުގެ ވިސްނުން ސަރުކާރުގައި އޮތް ނަމަ ޕީޕީއެމްއަށް 75،000 މީހުން ހަމަކުރަން ޕާޓީގެ ހުރިހާ ސިޔާސީ ފަރާތްތައް ބައިވެރިވެގެން ބޮޑު ހަރަކާތެއް ހިންގަން ނުޖެހޭނެ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ. 
"މި ހުރި އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ނޫނީ ހޯމް ޓީމްގެ ފަރާތުންް" ޕީއެންސީއަށް ހުށަހެޅިފައިވާ 1،700 މެމްބާޝިޕް ފޯމު. މިނިސްޓްރީގައި 56 ސިޔާސީ މީހުން ތިބިއިރު، އެއިން ކޮންމެ 30 ނުވަތަ 50 ފޯމު ގެނެޔަސް 1،700އަށްވުރެ އިތުރު ވާނެ،" މަޖީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރަނީ، އަޅުގަނޑުމެންގެ ތި ކުރައްވާ ތުހުމަތުގައި އަސްލެއް [ނުވަތަ] ހަގީގަތެއް އޮތް ނަމަ، އަޅުގަނޑުމެން ކީއްކުރަންތޯ 1،700 ފޯމު ހުށަހަޅަންވީ؟ އެއަށްވުރެ މާ ގިނަ އަދަދަށްވެސް އަޅުގަނޑުމެންނަށް އެކަން ގެންދެވޭނެ."
މީގެ އިތުރަށް މަޖީދު ވިދާޅުވީ ޑީއެންއާރުގެ ސިސްޓަމްތަކުން މީހުންގެ އައިޑީ ކާޑް ފޮޓޯ ކޮޕީއެއް ނުނެގޭނެ އެވެ. އެހެންވެ، ފޯމްތައް ފުރައި އިލެކްޝަނަށް ހުށަހެޅީ އައިޑީކާޑު ކޮޕީއާ އެކު ކަމަށް ވާތީ ޑީއެންއާރުން މައުލޫމާތު ނެގި ކަމަށް ނުބުނެވޭނެ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ. 
ވަގު ފޯމުތަކުގެ މައްސަލައިގައި ސޯޝަލް މީޑިއާއަށް ޝަކުވާ ބަންޑުންކޮށްފައި ހުރި ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި ސައްހަ ނޫން ފޯމްތަކުގައި ޖަހާފައި ހުރީ އެންމެ ފަހުން އައިޑީ ކާޑު ހައްދަން ހުށަހެޅި ފޮޓޯ އެވެ. އަދި ކޮޕީއަށް ވެސް ހުށަހަޅާފައި ހުރީ އާ އައިޑީކާޑު ހައްދަން ހުށަހެޅި ކުރީގެ އައިޑީ ކާޑުގެ ކޮޕީ އެވެ. 
ޑީއެންެއާރުގެ ވެރިންގެ ވާހަަކަތަކުން ޕީއެންސީގެ މެންބަޝިޕް ފޯމުތައް އެ މުއައްސަސާގެ ތެރޭގައި ފުރިކަމަށް ފެންނަ ފޮޓީތަކުގެ ސައްހަކަމަށް  އެބޭފުޅުން މި ވަނީ އިއުތިރާފްވެފަ އެވެ. އަދި ޑީއެންއާރުގެ މީޓިން ރޫމުގައި އެ ފޯމުތައް ފުރިކަން ނޭނގޭ ކަމަށް ބުނެ އެ މިނިސްޓްރީގެ ދެ ވެރިން އެ ދެއްކެވި ވާހަކަތައް ގަބޫލުކުރަން ވަރަށް އުނދަގުލެވެ. ސަބަބަކީ އާންމުވި ފޮޓޯތައް ސައްހަ ކަމަށް އެބޭފުޅުން އިއުތިރާފްވާއިރު އެބޭފުޅުންގެ ހާޒިރުގައި އެ މަސައްކަތް ކުރާތަން އެ ފޮޓޯތަކުން ފެނެ އެވެ. އެހެންވީއިރު އެކަން އެބޭފުޅުންނަށް ނޭނގި ހުންނާނެ ހެއްޔެވެ؟
ނޫސްވެރިންގެ ސުވާލުތަކަށް އެބޭފުޅުންނަށް ފުރިހަމަ ޖަވާބުތަކެއް ނުދެއްވައި އެންމެ ފަހުން ފުރަގަސް ދެއްވައި ވަޑައިގެންނެވީ އެވެ. އަދި އެ ވާހަކަތަކުން ތުހުމަތުތަކަށް އިތުރު ބާރެއް ލިބުނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ