ރައީސްގެ އާ ވައުދުތަކެއް: ވަޑިންނަށް ލުއި ލޯނު، އިންނަމާދޫގައި އޮޑި ބަންނަން ދަސްކޮށްދޭ މަރުކަޒެއް

އޮޑިފަހަރު ބަންނަ ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ސްކީމަކާއި އެ މަސައްކަތަށް ދިވެހިން ތަމްރީނުކުރަން ޕްރޮގްރާމެއް ހިންގަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް، ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ވަޑައިގަތީ އެ އަތޮޅު އިންނަމާދުއަށެވެ.
އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އޮޑިފަހަރު ބަނުމަކީ އިގްތިސާދީ ތަރައްގީއަށް މުހިންމު ކަމެއް ކަމަށެވެ. ރައީސް އެ ވާހަކަ ވިދާޅުވީ އެ ރަށުގެ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމުންނެވެ.
ބުނީ ކީކޭ؟ - އޮޑި ބަނުމުގެ މަސައްކަތް އެންމެ ފުޅާކޮށް ރާއްޖޭގައި ކުރާ އެއް ރަށަކީ އިންނަމާދޫކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ކުރާ ދިވެހިންނަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ސިޔާސަތުތަކެއް ކަނޑައަޅާފައިވާ އޮންނާނެ ކަމަށެވެ.
ޖަލްސާގެ ކުރިން އިންނަމާދޫގެ މާވަޑިންނާ ބައްދަލުކުރައްވައި، އެ މީހުންގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސް ވަނީ އައްސަވާފަ އެވެ. ވަޑިންގެ މެދުގައި އޮތް މައިގަނޑު ކަންބޮޑުވުމަކީ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ނުވަތަ ލޯނު ބޭންކިން ނިޒާމުގެ ތެރެއިން ހޯދަން ދަތިވުމެވެ.
އެ މަޝްވަރާތަކުގެ އަލީގައި، ކުރަން ނިންމާފައިވާ ދެ ކަމެއް މިރޭގެ ޖަލްސާގައި ރައީސް އިއުލާން ކުރެއްވި އެވެ.
"މިރޭ ކުރެވުނު މަޝްވަރާގެ އަލީގައި އަދި މި ދެންނެވިި ސިޔާސަތުގެ ތެރެއިން އެއް ކަމަކަށް މި ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއި ގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ބޭންކިން ނިޒާމު ތެރެއިން ހަމަޖައްސައިދޭނެ ކަމަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އިތުރު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި ކަމަކީ، އޮޑިފަހަރު ބަނުމުގެ ފަންނަން ދިވެހިން ވަނުމުގައި މިހާރު ހުރި ދަތިތައް ނައްތާލުމަށްޓަކައި އެ ފަންނަން ދިވެހިން ނެރުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތެކެވެ.
"އެހެންވީމަ މި ރަށުގައި މި ދާއިރާއަށް ތަމްރީން ދެވޭނެ މަރުކަޒެއް ހެދުމަކީ އަޅުގަނޑު ކުރަން ގަސްތުކުރާ ކަމެއްކަން ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރައްވާނީ، ރައީސް ވިދާޅުވި ގޮތުގައި ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތެރެއިން، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީގެންނެވެ.
"މި ރަށުގައި، މި ފަންނު، މި މަސައްކަތުގެ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ތަމްރީން ލިބޭނެ ގޮތް ހަމަޖައްސައިދެވޭނެ ގޮތް ފަހިކޮށްދޭނަން. ފަހިކޮށްދެވި، މިއީ ދިވެހިންނަށް ހާއްސަ، ދިވެހިން އެކަނި މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުގައި ތަމްރީންވެގެން އަންނަ ދިވެހިން އިތުރުވެގެންދާ ދާއިރާއަކަށް ވާތަން ދެކެން ބޭނުން. އެކަމަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ދަންނަވަން."
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ވެސް މި ދާއިރާގައި ހުންނަ ސަރުކާރުގެ މަޝްރޫއުތަކުގައި ދިވެހިންނަށް އިސްކަން ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ