ދަރިފުޅުގެ ދުލުން އައިޝަތު މުހައްމަދު ޞާލިހް: ތިއީ އެންމެނަށް ނަމޫނާއެއް، ފުރިހަމަ ލީޑަރެއް

މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި 15 އަހަރު ވަންދެން އައިޝަތު މުހައްމަދު ޞާލިހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އިއްޔެ ވަނީ އެ ސްކޫލުގައި ޚާއްސަ ހަފުލާއެއް ބައްވާފައެވެ. ސްކޫލުގެ ހުރިހާ ދަރިވަރުންގެ އިހުސާސްތަކާއި ޝުއޫރުތައް ފާޅުކޮށްދިން މި ހަފުލާ ވަރަށް ފުރިހަމައެވެ. ހަފުލާ ނިމުނީ އެތައް ބައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދައިލާފައެވެ. ނަމަވެސް، މިއަދު އަނެއްކާ ވެސް ސޯޝަލް މީޑިއާއިން ފެނުނީ މާ އަސަރުގަދަ ޕޯސްޓެކެވެ. މިފަހަރު އައިޝަތުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއި ޝުއޫރު ފާޅުކޮށްފައި ވަނީ އޭނާގެ ދަރިފުޅު އަފްނާން މުހައްމަދެވެ. އަފްނާން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ބޮޑުވަމުންއައި އިރު އޭނާގެ މަންމަ އަކީ އަބަދުވެސް ވަރަށް "ބިޒީ" މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މަންމަ އަބަދު ވެސް މަސައްކަތް ކުރަނީ މަސައްކަތާއި އަމިއްލަ ދިރިއުޅުން ބެލެންސްކޮށް ރަނގަޅު މަންމައަކަށްވެ ކާމިޔާބު މުސްތަގުބަލެއް ބުނާކުރަން ކަމަށް އޭނާ ލިޔެފައި ވެއެވެ. މަންމަ މަސައްކަތަށް އެހާ ސަމާލުކަންދޭ ސަބަބާއި މަންމައަށް މަސައްކަތް އެހާ މުހިންމު ވަނީ ކީއްވެކަން ކުރިން ނުވިސްނޭ ކަމަށް އަފްނާންގެ އެ ޕޯސްޓުގައި ވެއެވެ. އައިޝަތު މުހައްމަދު ޞާލިހް އޭނާގެ މާމަ ދަރިފުޅާ އެކު -- ފޮޓޯ/ އަފްނާންގެ ފޭސްބުކް ނަމަވެސް، މަންމަ އެހާ ބުރަކޮށް އަބަދުވެސް މަސައްކަތްކުރާ ސަބަބު މިހާރު ވިސްނޭކަން ފާހަގަކޮށް އަފްނާން ވަނީ އައިޝަތުގެ ހަޔާތުގެ ދަތި ދުވަސް ތަކެއް ވެސް ހިއްސާކޮށްފައެވެެ. "ވަރަށް ކުޑައިރު މަންމައާ މަންމަގެ ދައްތަ (ދޮންދައްތަ) ހިންނަވަރުން މާލެ އައީ ކިޔަވަން. މިއީ ވަރަށް ހިތްދަތި އުނދަގޫ ތަޖުރިބާއަކަށް ވާނެކަން ޔަގީން. އެކަމަކު މަންމައާ ދޮންދައްތަ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައިގެން ކުރިއަށް ދިޔަ،" އެ ޕޯސްޓުގައި އަފްނާން ލިޔެފައި ވެއެވެ. އަފްނާން އައިޝަތު ސިފަކޮށްފައި ވަނީ ކުރަން ހިތުލައިފި ކޮންމެ ކަމެއް ވެސް ކުރާ، ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. އަދި ބަސް މަދުކޮށް އަމަލު ގިނަކުރާ މީހެއްގެ ގޮތުގައެވެ. އޭނާ ދަންނަ އެންމެންވެސް މިކަމަށް އެއްބަސް ވާނެކަމަށް އަފްނާން ލިޔެފައި ވެއެވެ. އޭނާ ވަނީ އެހެން އަންހެނުންނަށް ހިތްވަރަކަށްވެ، އަންހެނުންނަށް ކަންކަން ވާނެކަން ދައްކައިދިންކަމަށް ޓަކައި އައިޝަތަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ ދެ އަންހެން ދަރިންނަށް ނަމޫނާ މާމައެއް ލިބިފައިވާކަން ފާހަގަކޮށް އަފްނާން ވަނީ އައިޝަތުއަށް ޝުކުރު އަދާކޮށްފައެވެ. އައިޝަތު މަޖީދިއްޔާ ސުކޫލުގެ ދަރިވަރުންތަކާ އެއްކޮށް--- ފޮޓޯ/ މަޖީދިއްޔާ ސުކޫލް އައިޝަތު ތައުލީމީ ދާއިރާގައި ހޭދަކުރެއްވި އެންމެ ފަހު ދުވަސް، އިއްޔެ ކަންތައް ވީގޮތް އަފްނާން ވަނީ މި ޕޯސްޓުގައި ހިއްސާކޮށްފައެވެ. އެގޮތުން އޭނާ އިއްޔެ އައީ ދިގު ދަތުރަކަށް ފަހު ކަމަށާއި އާދެވުން އިރު ހުރީ ނިދާލަން ބޭނުންވެފައި ކަމަށް އެ ޕޯސްޓުގައި ވެއެވެ. "އެކަމަކު އަންހެނުން ބޭނުންވީ މާލެދާން މަންމަ ރިޓަޔާ ކުރާ ދުވަސް ވީމައި. ވަރަށް ކިޔައިގެން އަހަރެންނާއި އަންހެނުން އަދި ދަރިފުޅު ދިޔައީ މަޖީދިއްޔާއަށް މަންމައަށް ސަޕްރައިޒެއް ދޭން. އެކަމަކު ސަޕްރައިޒް ލިބުނީ އަހަންނަން،" އައިޝަތު ރިޓަޔާ ކުރައްވާތީ މަޖީދިއްޔާ ސުކޫލުން ބޭއްވި ފެއާ ވެލްގެ ތެރެއިން ---- ފޮޓޯ/ މަޖީދިއްޔާ ސުކޫލް އޭނާ ބުނީ މަޖީދިއްޔާއަށް ދިއުމުން ފެނުނީ އެއްގޮތަކަށް ވެސް ފެންނާނެ ކަމަށް ހީކޮށްގެން ހުރި މަންޒަރެއް ނޫންކަމަށެވެ. ފެނުނީ އެންމެންގެ ފަރާތުން ވެސް ލޯބި ކަމަށާއި ގިނަ ބަޔަކު ރޮމުން ދިޔަކަމަށް އަފްނާން ލިޔެފައި ވެއެވެ. "މި މަންޒަރު ފެނި އަހަންނަށް ވެސް ވަރަށް އަސަރު ކުރި. ބޭއިޚުތިޔާރުގައި ލޮލުން އައި ކަރުނަތަށް ފޮރުވަން އަހަރެއް އަވިއައިނު އެޅީ. މިއީ މަންމަގެ މަސައްކަތުގައި ލޯބި ލިބިފައިވާ މިންވަރު ދައްކުވައިދިން އެއްވުމެއް. އަހަރެން ހުރީ ވަރަށް އިމްޕްރެސް ވެފައި މަންމަގެ ސަބަބުން،" އައިޝަތު މަޖީދިއްޔާ ސުކޫލުގެ ދަރިވަރުންތަކާ އެއްކޮށް ---- ފޮޓޯ/ މަޖީދިއްޔާ ސުކޫލް އަފްނާން ކުޑައިރު އޭނާ ކުޅޭ ބައެއް ޓެނިސް މެޗުތައް ބަލަން އައިޝަތަށް ނުދެވޭކަން ފާހަގަކޮށް އަފްނާން ބުނީ އެވަގުތުތަކުގައި މަންމަ އުޅުނީ އޭނާގެ ޓީމާއެކު ކަންކަމުގެ ނަތީޖާ ނެރެން މަސައްކަތްކޮށް ލީޑަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކަމަށެވެ. އަދި އެއީ ލީޑަރުންގެ ސިފަ ކަމަށް އޭނާ ލިޔެފައި ވެއެވެ. "ފިރިހެނެއްގެ ހައިސިއްޔަތުން އަހަރެން ވެސް ވަރަށް ގިނަ ކަންކަން ތަޖުރިބާ ކޮށްފިން. އަހަރެން ޚިޔާރުކުރި ދާއިރާގައި ހަތް އަހަރު ހޭދަކުރި އިރު، މިހާރު ކަންކަން ސާފުވޭ. އަހަރެންނަށް ވަގުތުނުދޭ ކަމުގެ ޝައްކުތަކާއި ޝަކުވާތަށް ކުރެވުމުން މިއަދު ބޭނުންވަނީ މަންމަގެ ކިބައިން މާފަށް އެދެން. މިއަދު އަހަރެން އެ ހުރިހާ ކަމަކަށް ޝުކުރުވެރިވަން. އަހަންނަން ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން މަންމަ އެކުރި މަސައްކަތް ނުކުރި ނަމަ، މިއަދު އަހަރެން، އަހަރެންގެ ގޮތުގައި މިތާކު ނުހުންނާނެ،" އަސަރާއެކު އަފްނާން ލިޔެފައި ވެއެވެ. އަފްނާން ވަނީ ބުރަ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަން ދައްކައި، މަސައްކަތް ކުރަމުން ވެސް ރަނގަޅު ބައްޕައަކަށް ވާން ދަސްކޮށްދިނީތީ އައިޝަތުއަށް ޝުކުރު އަދާކޮށްފައެވެ. "މަންމަ ތިއީ، އަދި މަންމަ އަބަދުވެސް ވާނީ އަހަރެންގެ ނަމޫނާއަށް އަދި އަހަރެންގެ ހީރޯއަށް. އުފާވެރި ރިޓަޔަމަންޓަކަށް އެދެން. ހަޔާތުގެ މި ސަފުހާ، މަންމަ އުފާވާ ކަންކަމަށް ޚާއްސަކުރޭ. މަންމައަށް އުފާވެރިކަން ހައްގު،" އަފްނާން އޭނާގެ އިހުސާސްތައް ބަންޑުންކޮށް ލިޔެފައި ވެއެވެ. މަޖީދިއްޔާ ސުކޫލުގެ ދަރިވަރުން އައިޝަތަށް ބޭއްވި ފެއާވެލްގެ ތެރެއިން ---- ފޮޓޯ/ މަޖީދިއްޔާ ސުކޫލް އަފްނާން ވަނީ މިއަދު އޭނާގެ މާމައާއި ކާފަމަތިން ހަނދާން ވާކަމަށް ބުނެފައެވެ. އަދި އެމީހުން ވެސް އޭނާގެ މަންމަދެކެ ފަޚުރުވެރި ވާނެކަމަށް ބުނެފައި ވެއެވެ. އަފްނާން ފޭސްބުކްގައި ހިއްސާކުރި މި މެސެޖަށް ގިނަ ބަޔަކު ދަނީ ކޮމެންޓު ކުރަމުންނެވެ. އަދި އައިޝަތަކީ އެންމެންގެ ލޯބި ހޯދާފައިވާ މީހެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކޮމެންޓު ކުރަމުންނެވެ. އޭނާ ވަނީ ތައުލީމީ ދާއިރާއަށް 39 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ