ޙައްޖުގެ އަޅުކަމަށް ފަހު، ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެއަށް

ޙައްޖުގެ އަޅުކަމަށް ސައުދީ އަރުބިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެއަށް ވަޑައިގަންނަވަން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ އަރިހުގައި ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލަވި އަލް ސައުދު އެއާޕޯޓަށް ވަޑައިގެންނެވި ކަމަށެވެ. ސައުދީގެ ރަސްގެފާނުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ޙައްޖަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 31 ގައެވެ. https://x.com/presidencymv/status/1931988035513774255 އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި، ސައުދީ ސަރުކާރުގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާއާ ވެސް ބައްދަލުކުރައްވައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުން ކޮންމެ ވެސް ވަރަކަށް ހީނަރުވެފައިވާ ކަމަށް އަޑުފެތުރިފައި އޮއްވައެވެ. އެކަމަކު، ދެ ގައުމުގެ ގުޅުން ރަނގަޅު ކަމަށާއި ސައުދީއާ އެކު އޮތީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް ކަމަށް ސަރުކާރުން ބުނެއެވެ. މި އަހަރު ވެސް ރާއްޖެއިން 1،000 މީހުން ޙައްޖަށް ގޮސްފައިވާއިރު، ޙައްޖުވެރިން ވަނީ މަދީނާއަށް ދިޔުމަށް ދަތުރުތައް ފަށާފައެވެ. އެގޮތުން، ސައުދީއަށް ދިޔަ މުސްލިމުންނަށް އެ ގައުމުގެ ސަރުކާރުން ދިން ސަމާލުކަމާއި ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ