ޔޫކްރެއިންގެ ދްނީޕްރޯޕެތުރޯވްސްކް ސަރަހައްދަށް އަތްގަދަ ކުރުމުގެގޮތުން ރަޝިއާއިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ރަޝިއާގެ މީޑިއާތަކާ މައުލޫމާތު ހިއްސާކުރަމުން އެޤައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ދްނީޕްރޯޕެތުރޯވް ހިފުމަށް ކުރަމުންގެންދާ މަސައްކަތުގައި ރަޝިޔާގެ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.
ދްނީޕްރޯޕެތުރޯވްސްކަށް އަތްގަދަ ކުރުމަށް ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތް ފެށިތާ މަހަކަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ. މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް ރަޝިޔާއިން މަސައްކަތްކުރި ނަމަވެސް އެ ސަރަހައްދު ދިފާއުކުރުމަށްޓަކައި ޔޫކްރެއިންގެ ސިފައިން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.
ދްނީޕްރޯޕެތުރޯވްސްކަށް ރަޝިޔާގެ ސިފައިން ވަންނަން ފަށާފައިވާ ކަމުގައި އެ ޤައުމުގެ ޑިފެންސް މިނިސްޓުރީ އިން ބުނަމުންދިޔަ ނަމަވެސް މިނިވަން އެއްވެސް އިދާރާއަކުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ރަޝިޔާގެ ވާހަކަތަށް ދޮގުކޮށްފައެވެ.
ދްނީޕްރޯޕެތުރޯވްސްކް ސަރަހައްދަށް އަތްގަދަ ކުރުމަށް ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމުގައި ރަޝިޔާގެ ޑިފެންސް މިނިސްޓުރީ އިން ބުނެފައި މި ވަނީ، ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ. އެ މަޝްވަރާތަކުގައި އަދި އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވުމުގެ އިތުރުން މަޝްވަރާތައް މި ވަގުތު އޮތީ މަޑުޖެހިފައެވެ.
ދްނީޕްރޯޕެތުރޯވްސްކްގެ ސަރަހައްދަށް ރަޝިޔާގެ އަސްކަރިއްޔާއިން އަތްގަދަ ކޮށްފައިވާކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ދޮގުކޮށްފައިވީ ނަމަވެސް، ޔޫކްރެއިންގެ އުތުރުގައި އޮތް ސޫމީ ސަރަހައްދު އަދި އިރުމަތީ ޑޮނެސްކުގެ ލައިމަން ސަރަހައްދުގައި ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ކުރިއެރުންތަކެއް ހޯދަމުންކަން ފާހަގަކޮށްލަން ޖެހެއެވެ. އަދިހަމައެހެންމެ، ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ޔޫކުރެއިންގެ އިތުރު ރަށްތަކަށް ވެސް ވެރިވެގަންނަވަމުންނެވެ. އެގޮތުން ޕޯކްރޮވްސްކަށް އަތްގަދަ ކުރުމަށް ވެސް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ޕޯކްރޮވްސްކް ސަރަހައްދަށް އަތްގަދަ ކުރުމަށް އެތަކެއް ފަހަރަކު މަސައްކަތްކޮށްފައިވީ ނަމަވެސް ރަސިޔާގެ ސިފައިންނާއި ދެކޮޅަށް ނުރައްކާތެރި ޙަމަަލާތަކެއް ދީފައިވާ ކަމަށާއި، އެ ޙަމަލާތައް ދިފާއުކޮށް، އެގައުމުގެ ސިފައިން ފަހަތަށް ޖައްސާފައިވާނެ ކަމުގައެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން ވަނީ ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަފަށައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މިވަގުތު ވެސް ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދެއް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮންބާސްގެ ސަރަހައްދުތަށް ކަމަށްވާ ކަމުގައިވާ ލުހާންސްކާއި ޑޮނެސްކުގެ އިތުރުން ޒަޕޮރީރިޔާގެ ގިނަ ސަރަހައްދުތަކެއް ވެސް ހިމެނެއެވެ.
ޔޫކްރެއިންގެ ދުނީޕްރޯޕެތުރޯވްސްކަށް އަތްގަދަކުރުމަށް ރަޝިޔާއިން ވަރުގަދަ އޮޕަރޭޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ