ޣައްޒާއަށް ދިޔަ ބައިނަލްއަގްވާމީ އެކްޓިވިސްޓުން އިސްރާއީލުގެ ޖަލުތަކުގެ ކުޑަގޮޅިތަކަށް ލަނީ
ޣައްޒާ (9 ޖޫން 2025): ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ހިފައިގެން ޣައްޒާއަށް ކަނޑުމަގުން ދަތުރު ކުރަމުން ދިޔަ ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ ބޯޓު "މަޑްލީން" ހައިޖެކްކޮށްގެން އިސްރާއީލުގެ އަތްދަށުގައިވާ އަސްދޫދު ބަނދަރަށް ގެންދިޔުމަށްފަހު އޭގައި ތިބި ބައިނަލްއަގްވާމީ އެކްޓިވިސްޓުން ޖަލަށް ލުމުގެ މަސައްކަތް އިސްރާއީލުން ފަށައިފިއެވެ. އިސްރާއީލުގެ މީޑީއާތައް ބުނާގޮތުން އިސްރާއީލުގެ ޖަލުތަކާބެހޭ އިދާރާއިން ގެންދަނީ އެމީހުން ޖަލަށްލުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މީގެތެރޭގައި އެމީހުން ޖަލަށް ލުމަށް ކުރަންޖެހޭ އިދާރީ ކަންކަން ކުރުން ހިމެނެއެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ހިފައިގެން ދިޔަ "މަޑްލީން" ބޯޓުގައި ތިބީ ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ 12 މީހެކެވެ. އިސްރާއީލުގެ ނޫހެއްކަމަށްވާ "އިސްރާއީލު ހިޔޯމް" ބުނާގޮތުން "މަޑްލީން" ބޯޓުގައި ތިބި އެކްޓިވިސްޓުން އިސްރާއީލުގެ ޣުފްއޫން ޖަލުގެ ކުޑަގޮޅިތަކުގައި މުއްދަތެއްނެތި އެކަހެރިކޮށް ބޭތިއްބުމަށް އިސްރާއީލުގެ ދާޚިލީ އަމަނާބެހޭ ވަޒީރު ވަނީ ޖަލުތަކާބެހޭ އިދާރާއަށް އަމުރުކޮށްފައެވެ. ސްވިޑްންގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް "މަޑްލީން" ބޯޓަކީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ ކޯލިޝަންކަމަށްވާ "ފްރީޑަމް ފްލޮޓިލާ ކޯލިޝަން" އިން ޣައްޒާއަށް ފޮނުވި ބޯޓެކެވެ. އެބޯޓުގައި ކާބޯތަކެތީގެ އިތުރުން ހުރީ ޣައްޒާގައި އިސްރާއީލުން ހާލުގައި ޖައްސާފައިވާ ތުއްތު ކުދިންނާއި އަންހެނުންނަށް ޚާއްސަކޮށް މައިންނަށް ބޭނުންވާ ސާމާނެވެ. މީގެތެރޭގައި ހިމެނެނީ ބޭހާއި މެޑިކަލް ސަޕްލައިގެ އިތުރުން ޣައްޒާގެ އަންހެނުން މައްސަރުގެ ކަންތަކަށް ބޭނުންވާ އިންސާނީ އެހީގެ ބާވަތްތަކެވެ. "ފްރީޑަމް ފްލޮޓިލާ ކޯލިޝަން" ބުނާގޮތުން އިސްރާއީލު ސިފައިން އެބޯޓަށް އަރައި އެބޯޓު ހައިޖެކްކޮށް ކަނޑުފޭރުނީ ބައިނަލްއަގްވާމީ ކަނޑުގައި އެބޯޓު އޮއްވައެވެ. އެހެންކަމުން މިއީ އިސްރާއީލުން ބައިނަލްއަގްވާމީ ކަނޑުގައި ހިންގި ކަނޑުފޭރުމުގެ ޖަރީމާއެއްކަމަށް އެ ކޯލިޝަނުންވަނީ ސިފަކޮށްފައެވެ. "މަޑްލީން" ބޯޓު ދިޔައީ ޣައްޒާއަށެވެ. ޣައްޒާއަކީ އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ސަރަހައްދެކެވެ. "މަޑްލީން" ބޯޓު މަސައްކަތް ކުރީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ގެންގޮސްގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށެވެ. އެބޯޓު ސައިފްރަސް އިން ފުރުމާއެކު ވެސް އިސްރާއީލު ގެންދިޔައީ އެބޯޓަށް އިންޒާރުދީ ބިރު ދައްކަމުންނެވެ. ޣައްޒާއަށް ވަނުމުގެ ފުރުސަތު ނުދޭނެކަމާއި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމުގެ ފުރުސަތު ނުދޭނެކަމުގެ އިންޒާރުތައް ދެމުންނެވެ. "މަޑްލީން" ބޯޓު ފުރަތަމަ އެކްޓިވިސްޓުންނާއެކު ސައިފްރަސްއިން ނައްޓާލިތަނާ އިސްރާއީލުން އަސްކަރީ ޑްރޯނެއް ބޭނުންކޮށްގެން އެ ބޯޓަށް ޓެރަރިސްޓް ހަމަލާއެއް ވެސް ދިނެވެ. އެ ހަމަލާގެ ސަބަބުން އެބޯޓު އަލުން އަނބުރައި ސައިފްރަސްއަށް ދިޔުމަށްފަހު ދުވަސްތަކެއް ފަހުން އަލުން އަނެއްކާވެސް ދަތުރު ފެށީއެވެ. "މަޑްލީން" ބޯޓުގައި ތިބި ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ ތެރޭގައި ގިނައީ ޔޫރަޕްގެ އެކި ގައުމުތަކަށް ނިސްބަތްވާ އެކްޓިވިސްޓުންނެވެ. މީގެތެރޭގައި ދުނިޔޭގެ ތިމާވެއްޓަށް މަސައްކަތްކުރުމުގެ ސަބަބުން ދުނިޔެއަށް މަޝްހޫރުވެފައިވާ ސްވިޑްންގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް، ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރެއްކަމަށްވާ ފަލަސްތީނު ދަރިކޮޅުގެ ފަރަންސޭސި ރައްޔިތެއްކަމަށްވާ ރިމާ ހަސަން، ޖަރުމަނުގެ އެކްޓިވިސްޓެއްކަމަށްވާ ޔަސޭމިން އަކާރް، ބްރަޒީލްގެ އެކްޓިވިސްޓެއްކަމަށްވާ ތިއާގޯ އަވިލާ، ފަރަންސޭސިވިލާތުގެ ޑޮކްޓަރެއްކަމަށްވާ ބެޕްޓިސްޓް އަންދްރޭ، ނެދަލޭންޑްސްގެ އެކްޓިވިސްޓެއްކަމަށްވާ މާކޯ ވެން ރެނެސް، ތުރުކީގެ އެކްޓިވިސްޓެއްކަމަށްވާ ޝުއައިބު އޯރުޑޫ، ސްޕެއިންގެ އެކްޓިވިސްޓެއްކަމަށްވާ ސާޖިއޯ ޓޮރިބިއޯ އަދި މިނޫންވެސް ޔޫރަޕްގެ އެކި ގައުމުތަކުގެ އެކްޓިވިސްޓުން ހިމެނެއެވެ. މެޑްލިން ބޯޓުގެ އެކްޓިވިސްޓެއްކަމަށްވާ ސްވިޑްން ގެ ތިމާވެއްޓާބެހޭ އެކްޓިވިސްޓް ގްރެޓާ ތަމްބާގް އަދި މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ މި ބޯޓުގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ހިސާރު ފޫއަޅުވާލުމުގެ އިތުރުން އިސްރާއީލުގެ އަނިޔާވެރި ހަގީގަތްވެސް ދުނިޔެއަށް ހާމަކުރުމެވެ. އިސްރާއީލާ ޖެހުމުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އިންސާނީ ހައްގުތަކަށް އަޅައިނުލާ މަންޒަރުފަދަ ދުނިޔޭގެ އަނދިރި ފަރާތް ދުނިޔޭގެ އާންމުންގެ ސަމާލުކަމަށް ގެނައުމަކީވެސް އެބޯޓުގެ މަގްސަދެކެވެ. އދ. އިން ވަނީ "މަޑްލިން" ބޯޓުގައި ތިބި ހިއްވަރުގަދަ އެކްޓިވިސްޓުންނަށް ތައުރީފުކޮށް މިއީ އިންސާނިއްޔަތުކަން އުފުލާ އުޅަނދެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޣައްޒާއަށް އިންސާނީ އެހީ ދިނުމާބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް ވަނީ މި ބޯޓަކީ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތާ ދެކޮޅަށް ކުރާ ވަރުގަދަ ސްޓްރަގަލް އެއްކަމަށް ސިފަކުރައްވާފައެވެ. އިސްރާއީލުން ވަނީ މިއީ ނުރައްކާތެރި ބޯޓެއްކަމަށް ސިފަކޮށް މި ބޯޓުގައި ތިބި އެކްޓިވިސްޓުންނަކީ ހަމާސް ގެ "ޓެރަރިޒަމަށް" ވާގިވެރިވާ ބައެއްކަމަށް ސިފަކޮށްފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ހިންގާ ޖިހާދުގެ ހަރަކާތްތައް އިސްރާއީލާއި އިސްރާއީލުގެ ޔަހޫދީ ސްޓޭޓް ޓެރަރިޒަމް ސްޕޮންސާ ކުރާ އެމެރިކާއިން ސިފަކުރަނީ "ޓެރަރިޒަމް"ގެ ގޮތުގައެވެ. އިސްރާއީލުން ބޮން އަޅައިގެން މި އަޟްހާ އީދުގެ ހަތަރު ދުވަހުވެސް ޣައްޒާގައި 180އަށް ވުރެ ގިނަމީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ހުއްޓާލުމަށާއި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރި ގަރާރަށް މީގެ ދެދުވަސް ކުރިން އެމެރިކާ ވަނީ ހުރަސްއަޅައި އެ ގަރާރު ވީޓޯކޮށްފައެވެ. އިސްރާއީލާއި އެމެރިކާ ގުޅިގެން ގެންދަނީ ޣައްޒާގައި ކާބޯތަކެތި ބެހުމުގެ ނަމުގައި ހިންގާ މަރުކަޒުތަކެއްގައި މީހުން މަރަމުންނެވެ. މިގޮތުން މި މަރުކަޒުތަކުން ބަހާ ކާބޯތަކެތި ހޯދުމަށް ދާ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ފަސްފަހަރެއްގެ މަތިން އިސްރާއީލުން ހަމަލާދީ 130 މީހަކުވަނީ ޝަހީދުކޮށްލާފައެވެ. މީޑީއާ ރިޕޯޓްތަކުގައި މިމަރުކަޒުތައް ސިފަކުރަނީ ކާބޯތަކެތީގެ ދަޅަދައްކައިގެން ޣައްޒާގެ ރައްޔިތުން މަރައި އެމީހުންގެ ނަސްލު ނައްތާލުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ހިންގާ މީހުން މަރާ މަރުކަޒުތަކެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ