ގެވެށި އަނިޔާ ލިބޭ އަންހެނުންނަށް ވަގުތީ ހިޔާވަހިކަން ދިނުމަށް އިތުރު ތަންތަން ހެދުމަށް ނިންމާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، މިނިސްޓްރީއަށް ލިބޭ ނަމްބަރުތަކަށް ބަލާއިރު، ގޭތެރެއިން އަނިޔާ ލިބޭ އަންހެނުންނަށް ހާއްސަކޮށް ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު ތަންތަން ހެދުމަށް ނިންމާފައިވާކަމަށެވެ. ގެވެށި އަނިޔާ ލިބޭ އަންހެނުންނަށް ހިޔާވަހިކަން ދިނުމަށް މިހާރު ހުންނަނީ އެންމެ ތަނެކެވެ.
މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އަނިޔާލިބޭ އަންހެނުންނަށް ޑޮމެސްޓިކް ވައިލަންސް ޝެލްޓާސްނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިން ތަނެއް ގާއިމްކުރެވިގެންދާނޭކަމަށެވެ.
އާއިލާއާ ބެހޭ މިނިސްޓްރީން މުޖުތަމައުގެ ލާބައަށް ކުރަމުންގެންދާ ބައެއް ކަންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އިސް ރަށްވެހިންނަށް ހާއްސަކޮށް މިހާރު ހުޅުމާލެއާ މާލެ ސިޓީގައި އެމީހުން ހިތްއުފާކޮށްލުމަށް ދެ ތަނެއް ހުރިނަމަވެސް، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެފަދަ މަރުކަޒުތައް ހެދުމަށް ނިންމާފައިވާކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިއްމު ވައުދުފުޅެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އާއިލައާ ބެހޭ ވުޒާރާއިން ގެންދަނީ ދައުލަތުގެ ބެލުމުގައި ތިބި ކުދިންނަކީ މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުދިންނަށް ބޭނުންވާ އެކި ކަހަލަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ކުއްޖަކީ ވޮޓަރ ސްޕޯޓްސް ނުވަތަ ޑައިވިން ހެދުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއްނަމަ، ތަމްރީނުދޭ ސެންޓަރަކަށް އެ ކުއްޖަކު ބަދަލުކޮށް އެކަންކަން ދަސްކޮށްދޭނޭކަމަށެވެ. އެގޮތުން މިނިސްޓްރީގެ ވިސްނުން ހުރީ އެކުއްޖެއްގެ އުމުރުން 18 އަހަރުވާއިރަށް ސެތްފިކެޓްވެސް ލިބޭނޭ ގޮތަކަށް ކަންކަން އިންތިޒާމްކުރަންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 160 ކުދިން އެބަތިއްބެވެ. މީގެ ތެރޭގައި އެކި އުމުރުފުރު ފުރާތަކުގެ ދެ ޖިންސްގެ ކުދިން ހިމެނެއެވެ.
ގެވެށި އަނިޔާލިބޭ އަންހެނުންނަށް ވަގުތީ ހިޔާވަހިކަން ދިނުމަށް އިތުރު ތަންތަން ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ