މާލޭގައި ވަގަށް ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދިޔަ ހ. ހުޅުގަލީ ގެ އެޕާޓްމަންޓެއް ރެއިޑުކޮށް ފުލުހުން އަތުލައިގަތް ތަކެތި ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ ތަކެތި އަތުލައިގަތުމާ ގުޅިގެން ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑުން މުދާ ހޯދުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި ފުލުހުންގެ މައްޗަށް އަމުރުކުރީ ތިން ދުވަހުގެ ތެރޭގައި ބައެއް މުދާ އެ ކުންފުންޏަށް ދޫކުރުމަށެވެ.
ނަމަވެސް ރެއިޑިއަސް އިން ދޫކޮށްދިނުމަށް އެދިފައިވާ ސިނގިރެޓާއި، ދުންފަތް ވިއްކުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ އާއި ލައިސަންސް ހޯދުމަށްފަހު ފުލުހުންނަށް ހުށަހަޅާ ތާރީހުން ފެށިގެން އެތަކެތި އެ ކުންފުންޏަށް ދޫކުރަން ވެސް އަމުރުގައިވެ އެވެ.
އަމުރުގައި އިތުރަށް ބުނެފައި ވަނީ މުދާ ދޫކުރެވެންދެން ނުވަތަ މުދަލާއި މެދު ވަކި ގޮތަކަށް އަމަލު ކުރެވެގެންދެން މުދާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށާއި ރެއިޑިއަސް އިން ދޫކޮށްދިނުމަށް އެދިފައިވާ ސިނގިރެޓާއި، ދުންފަތް ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން ރެއިޑިއަސް ޕވޓ ލޓޑ އިން ދޫކޮށްދިނުމަށް އެދިފައިވާ މުދާ އެއްވެސް ޝަރުތެއް ނެތި އެފަރާތަށް ދޫކުރުމަށް؛ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގެ ދަށުން ރެއިޑިއަސް ޕވޓ ލޓޑ އިން ދޫކޮށްދިނުމަށް އެދިފައިވާ މުދާ ޝަރުތު ކުރުމަށްފަހު އެފަރާތަށް ދޫކުރުމަށް ނިންމަން ފެނޭ،" ހުކުމުގައި ބުންޏެވެ.
ހުކުމުގައި އިތުރަށް ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި ހިލާފަށް އެއްވެސް އަމަލެއް ރެއިޑިއަސް އިން ނުކުރުމަށް އަންގާ ކަމަށެވެ.
ރެއިޑިއަސް އިން ކޯޓުގައި ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އެ ކުންފުނިން ބުނި ހިފަހައްޓާފައިވާ މުދާ ވިއްކައިގެން ފަސް މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އެ މުދާ ވަކި ފިނިހޫނު މިނެއްގައި ރައްކާތެރިކަމާ އެކު ނުބަލަހައްޓާނަމަ އެއިގެ އަގު ދަށްވެ ނުވަތަ އެއްކޮށް އަގު ގެއްލުމުގެ އިހްތިމާލު އޮތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސިނގިރޭޓު އުފައްދަނީ މާލެއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އާއިލާއިންނެވެ. އުފައްދާ ސިނގިރޭޓަށް ކިޔަނީ "އެޗްޑީ" އެވެ.
ފުލުހުން ކުރިން ބުނީ ސިނގިރޭޓު އުފެއްދިގެއިން ކާޑުބޯޑު 103 ފޮށިގަނޑު އަތުލައިގަތް ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނޭ ކަމަށް އޭރު ފުލުހުން ބުންޏެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓުގެ އަގު 240ރ. އަށް އެރިއިރު ވެސް، އެޗްޑީ އަދި ނިއު ލެޖެންޑް އޭރު ވިއްކަމުންދިޔައީ 100ރ. އަށް ވުރެ ދަށުންނެވެ.
ސިނގިރޭޓު އުފައްދާ ގެއިން ފުލުހުން އަތުލައިގަތް ތަކެތި ދޫކޮށްލަން ކޯޓުން އަމުރުކޮށްފި ސިނގިރޭޓު އުފައްދާ ގެއިން ފުލުހުން އަތުލައިގަތް ތަކެތި ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ