މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހދ. ކުމުންދޫގައި ގެތަކާއި މުއައްސަސާތަކުގެ އިތުރުން ކުލަބު ޖަމިއްޔާތައް ދިއްލައި ޒީނަތްތެރިކުރުމުގެ ހާއްސަ މުބާރާތެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ކުމުންދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން އިންތިޒާމުކުރާ މި މުބާރާތަކީ، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މިނިވަން ދުވަހުގެ އުފާވެރިކަން ފާޅުކުރުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ. މި މުބާރާތް ބެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ. އެއީ ކުމުންދޫގެ ގޭބިސީތަކަށް ހާއްސަ ކެޓަގަރީއާއި، ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކަށް ހާއްސަ ކެޓަގަރީއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މިމަހު 26 އިން 28 އަށް އެ ތަނެއް ދިއްލައި ޒީނަތްތެރިކޮށްފައި ބަހައްޓަންޖެހެއެވެ.
ކޮންމެ ކެޓަގަރީއަކުންވެސް އެންމެ ރަނގަޅަށް ޒީނަތްތެރިކުރާ ތިން ފަރާތެއް ހޮވުމަށް ވަނީ ނިންމާފައެވެ. އެގޮތުން:
1 ވަނަ ފަރާތަށް: 1,500 ރުފިޔާ
2 ވަނަ ފަރާތަށް: 1,000 ރުފިޔާ
3 ވަނަ ފަރާތަށް: 500 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
ކުމުންދޫ ރަށު މޮނިއުމަންޓް--ފޮޓޯ:ކުމުންދޫ ކައުންސިލް
ކުމުންދޫ ކައުންސިލުން ބުނީ މި މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ އުފެއްދުންތެރިކަމަށާއި، މިނިވަން ދުވަހުގެ ތީމާ ގުޅޭ މިންވަރަށާއި، ޒީނަތްތެރިކުރުމަށް ބޭނުންކޮށްފައިވާ ތަކެއްޗަށެވެ. ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރުމަށް ބާރުއަޅާފައިވެއެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ކައުންސިލްގެ ރައީސް އަލީ ގާސިމް، ނައިބު ރައީސް އަލީ އަންވަރު، އަދި ކައުންސިލާއި ޕޮލިސްގެ އިސް ބޭފުޅުން ހިމެނޭ 5 މެންބަރުންގެ ޕެނަލްއެކެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކުމުންދޫގެ ރައްޔިތުންނަށާއި، އެ ރަށުގައި ހުރި މުއައްސަސާތަކަށެވެ. މީގެ ތެރޭގައި ކުމުންދޫ ސްކޫލް، ހެލްތް ސެންޓަރު، ކޯޓު، ޕޮލިސް ޕޯސްޓް، ފެނަކަ، އެމްޓީސީސީ އަދި ރަށުގެ އެކި ކުލަބު ޖަމިއްޔާތައް ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހު 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަން ނޯޓުކުރަންޖެހެއެވެ. ނަން ނޯޓުކުރުމަށް ކައުންސިލްގެ ނަންބަރު 9183128 އަށް ގުޅުއްވުމަށް ނުވަތަ މެސެޖް ކުރެއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މިނިވަން ދުވަހާ ގުޅިގެން ކުމުންދޫގައި ގެތައް ދިއްލުމުގެ މުބާރާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ