ވޯލްޑްކަޕް ވޯލްޑްކަޕް މެސީއަކީ މާޒީ، ޔަމާލްއަކީ މުސްތަގުބަލް

ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗަކީ ބާސެލޯނާގެ މަޝްހޫރު ”ލަ މާސިއާ“ އެކަޑަމީގެ ވަރުގަދަކަން މުޅި ދުނިޔެއަށް ދައްކާލާނެ މެޗެއް ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.
ލަޕޯޓާ ވަނީ ބާސާގެ ލެޖެންޑް ލިއޮނަލް މެސީގެ ކާމިޔާބު މާޒީއަށް ތައުރީފުކުރައްވައި، ޒުވާން ތަރި ލަމީން ޔަމާލްއަކީ ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަވައިގެން މީޑިއާއާ ވާހަކަދައްކަވަމުން ލަޕޯޓާ ވިދާޅުވީ، މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ މި ފައިނަލް މެޗަކީ ބާސެލޯނާގެ ފުޓްބޯޅަ ފަލްސަފާގެ މޮޅުކަން ހާމަވެގެންދާނެ ކުޅިވަރުގެ ބޮޑު އީދެއް ކަމަށެވެ. މި މެޗުގައި ވާދަކުރާ ސްޕެއިން ސްކޮޑުގައި ބާސެލޯނާގެ އަށް ކުޅުންތެރިން ހިމެނޭ އިރު، އާޖެންޓީނާ ޓީމު ކުރިއަށް ނެރެދެނީ ބާސެލޯނާގެ ކުރީގެ ތަރި ލިއޮނަލް މެސީއެވެ.
ލަޕޯޓާ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކްލަބްގެ އެކަޑަމީން އުފެއްދި ކުޅުންތެރިން އެއް ދަނޑަކުން ފެނުމަކީ ލަ މާސިއާގެ ފެންވަރު ދައްކުވައިދޭ ކަމެކެވެ. އަދި މިއީ ކްލަބަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”މެސީ ފައިނަލަށް ދިއުމުން އަހަރެން ވަރަށް އުފާވޭ. އޭނާއަކީ ލަ މާސިއާގެ ފަހުރެއް. މެސީއަކީ މާޒީ އަދި ހަމައެހެންމެ މިއަދުވެސްމެ. އަދި ލަމީން ޔަމާލްއަކީ މިއަދާއި މުސްތަގުބަލު. ބާސެލޯނާގެ އަސްލު ކުޅުމުގެ ވައްޓަފާޅި ދަނޑުމަތިން ފެންނާތީ އަހަރެމެން ވަރަށް އުފާވޭ،“ އާރްއޭސީ1 ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ލަޕޯޓާ ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރުގެ ސްކޮޑުގައި ހިމެނޭ ޒުވާން ކުޅުންތެރިން ކަމަށްވާ ޕައު ކުބާސީ، އެރިކް ގާސިއާ، ޑެނީ އޮލްމޯ، ގަވީ، ޕެޑްރީ އަދި ފެރާން ޓޮރޭޒް ފަދަ ކުޅުންތެރިންގެ ހުނަރަށްވެސް ލަޕޯޓާ ވަނީ ތައުރީފު ކުރައްވައިފައެވެ.
ފައިނަލް މެޗާ ބެހޭގޮތުން ވާހަކަދައްކަވަމުން ލަޕޯޓާ ވިދާޅުވީ، ދެ ގައުމުންވެސް ދައްކަނީ ތަފާތު ދެ ކުޅުމެއް ކަމަށެވެ. އާޖެންޓީނާގެ ކުޅުން ބޮޑަށް ބިނާވެފައިވަނީ ވަރުގަދަ އަދި ”އެގްރެސިވް“ ކުޅުމެއްގެ މައްޗަށެވެ. ނަމަވެސް، ސްޕެއިންގެ ކުޅުން ބިނާވެފައިވަނީ ބާސެލޯނާއާ ދާދި އެއްގޮތް، ގުޅިގެން ކުޅޭ ރީތި ޕާސިން ގޭމެއްގެ މައްޗަށެވެ.
ބާސެލޯނާގެ ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ޓީމެއް މޮޅުވި ނަމަވެސް، މި ފައިނަލަކީ ދުނިޔޭގެ ފުޓްބޯޅައިގައި ބާސެލޯނާގެ ނުފޫޒާއި ފަލްސަފާ އަދިވެސް އެންމެ ކުރީގައި އޮތްކަން ސާބިތުކޮށްދޭނެ ހެއްކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ