ތިން މަސް ފަހުން ރޫނާ "ވާނުވާ" ބަންދަށް ލައިފި

ރާއްޖެއަށް 1.5 ކިލޯގެ ޑުރަގު އެތެރެކުރުމުގެ މައްސަލައެއްގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ އާމިނަތު ރޫނާ ޝަރިއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ. ރާއްޖެއަށް 1.5 ކިލޯގެ ޑުރަގު އެތެރެކުރުމުގެ މައްސަލައެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިން ބުނެފައި ވެއެވެ. ރޫނާ ހައްޔަރުކޮށްފައި ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު، މިއަދު އެންމެ ފަހުން ޖެހީ "ވާނުވާ" ބަންދެވެ. ވާނުވާ ބަންދަކީ ޝަރިއަތް ނިމެންދެން ކުރާ ބަންދެވެ. https://sun.mv/223967 މި މައްސަލައިގައި ރޫނާއާއެކު އެހެން އަންހެނަކު ވެސް ހައްޔަރު ކުރިއެވެ. އެއީ، އުމުރުން 25 އަހަރުގެ ޢަލްޔާ ޝަރްސާ ނަޞީރެވެ. ރޫނާގެ ކުރީގެ ބަންދު އަމުރެއްގައިވާ ގޮތުން، އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތުހުމަތުވެއެވެ. ރޫނާއަކީ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ކަމަށްވެސް ކޯޓު އެ އަމުރުގައި ވަނީ ބުނެފައެވެ. މި ދެ މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރި ކަމަށެވެ. ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައި ވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރި ކަމަށެވެ. އެ ދެ މީހުން ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ރޫނާގެ ދިފާއަށް ފުލުހުންގެ ބޮޑީކެމްގެ ރިކޯޑިން ހޯދަން އެދިފައިވެއެވެ. އަދި އަލްޔާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހެއް ކަމަށް އޭނާގެ ކުރީގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި އެކަމުގެ އަދަބުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަކީ ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ. އޭގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ