"ފުޑް ބިސްޓްރޯ" ބަންދުކުރަން ވަނުމުން އެތަނުގައި ތިބި ބިދޭސީން ދުވެ ފިލައިފި
މާލޭގެ ކުދީނާގޯޅީގައި ހިންގަމުން އައި "ފުޑް ބިސްޓްރޯ" އިން ބޭރުވާ ދުމާއި ވަހުގެ މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން ތަކުރާރުކޮށް އެންގުމުން ވެސް އެކަން ހައްލުނުކުރާ މައްސަލައިގައި އެތަނުގައި ތިބި މީހުން ނުކުމެގެން ދުވެ ފިލައިފިއެވެ. ސިޓީ ކައުންސިލުން އެތަން ބަންދުކުރަން ނިންމީ އެތަނުގެ ދުންހޮޅިން ބޭރުވާ ދުމުގެ ސަބަބުން ކައިރީގައި ހުރި ޒިކުރާ މިސްކިތަށް ނަމާދަށްދާ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުން ދާތީއެވެ. މާލޭގެ ކުދީނާގޯޅީގައި ހިންގަމުން އައި "ފުޑް ބިސްޓްރޯ"ގެ އެތެރެ.. ފޮޓޯ/ ސިޓީ ކައުންސިލް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް އަންނާތީ، އެކަން ރަނގަޅު ކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެފައެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް އެތަނުން ކޮށްފައި ނުވާކަން ކައުންސިލުން ފާހަގަކުރެއެވެ. މިއަދުގެ ހުކުރު ނަމާދު ގަޑީގައި އެތަނުން ކައްކަމުން ދިޔަ އެއްޗެހީގެ ވަހުގެ ސަބަބުން މިސްކިތުގައި ތިބި މީހުން ނަމާދުކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ވަނީ ލިބިފައެވެ. https://x.com/MaleCitymv/status/2078113767909654945 މި ޝަކުވާތަކާ ގުޅިގެން، ހުކުރު ނަމާދަށް ފަހު ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން އެތަނަށް ގޮސް، ދުންހޮޅީގެ މައްސަލަ ހައްލުކުރެވެންދެން ޚިދުމަތް ދިނުން ހުއްޓުވައި ތަން ވަނީ ބަންދުކޮށްފައެވެ. ހަމައެއާއެކު ކައުންސިލްގެ މުވައްޒަފުން ވަނުމާއެކު، އެތަނުގައި ކައްކަން ތިބި ބިދޭސީންނާއި ޚިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ ސަރަހައްދުން ދުވެ ފިލާފައި ކަމަށް އެ ކައުންސިލުން ބުންޏެވެ. https://sun.mv/224578 މިފަހުން މާލޭގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރި މައްސަލައިގައި ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓު ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. ސިޓީ ކައުންސިލުން ބުނީ އެގޮތަށް މުދާ ނުވިއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އެކަމަށް އެ ފިހާރައިން އިޖާބަ ދީފައި ނުވާތީ ޖޫރިމަނާ ކުރީ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ