ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިދަތުރުފުޅަކީ، "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައި އެމަނިކުފާނު އިއްވެވި ބަޔާނުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މިބަޔާނުގައި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާ ތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ބޮޑުވަޒީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ދަތުރުފުޅަކީ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އިތުރަށް ހާމަކޮށްދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ޤައުމުތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާކުރުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ