ކަރަންޓު ކެނޑުމުން އެތައް މިލިއަނުގެ ގެއްލުންވާނެ، ޒިންމާވާ ބަޔަކަށް ފިޔަވަޅު އަޅަންޖެހޭ: ޑިމޮކްރެޓްސް
        މިއަދު މާލެ ސަރަހައްދުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި، އެތައް އިރެއް ވަންދެން ޚިދުމަތް ނުލިބި އޮތުމުން އާންމުންނާއި ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި އެކަމުގައި ޒިންމާވާ ބަޔަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްއިން މިރޭ ބުނެފިއެވެ.  މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު 12:35 ހާއިރެވެ. އޭގެފަހުން، ހަ ގަޑިއިރެއްހާއިރު ފަހުން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭ ވަރުވީ، 18:30 ހާއިރެވެ.  އެ މައްސަލައާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކޮށް، ޑިމޮކްރެޓުން ވަނީ ބަޔާނެއް ނެރެފައެވެ.  އެ ބަޔާނުގައި ވަނީ، ރާއްޖޭފެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅެނީ މާލެގައި ކަމަށްވާއިރު، އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ކަރަންޓާ ގުޅިފައި އޮތް ކަމަށާއި ދުރާލާ އެންގުމެއް ނެތި މުޅި ސަރަހައްދުން ކަރަންޓު ދިޔުމުނ ކަންބޮޑުވާ ކަމަށެވެ.    ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ -- ސަން ފޮޓޯ  އެކަމުގެ ސަބަބުން އާންމުންނާއި ދައުލަތަށް އެތައް މިލިއަނެއްގެ ގެއްލުންވާނެކަން ފާހަގަކޮށް އެޕާޓީން ބުނީ، މިއީ މިފަދަ ޒަމާނެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.  އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފައިވާއިރު، އެކަން ހަގީގީ މާނައިގައި ފުރިހަމަ ކޮށް، 'ބޮޑުނަގުލަށް ނުވެ، ކޮޅަކު ޖެހޭނެ ގޮތަށް' ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.  މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށާއި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި، ފިޔަވަޅު އެޅުމަށާއި ރަށްވެހިކަމުގެ އަސާސީ ހިދުމަތްތައް ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށް ފުލުހުންނާއި ޔުޓިލީޓީ ކުންފުނިތަކާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ސަރުކާރާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް ގޮވާލަންދަ ޑިމޮކްރެޓްސް   މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.  ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފަހު ހާމަކުރައްވާނެ ކަމަށާއި އެ މައްސަލަ ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.  https://sun.mv/206769  އެ މައްސަލައާ ގުޅޭ ގޮތުން ސްޓެލްކޯއިން ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ، އެހާތަނަށް ބެލިބެލުމުން އެ ކުންފުނީގެ ބޮޑު އިކުއިޕްމެންޓަކަށް ގެއްލުންވެފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އަދި މުޅި މާލެއަށް އެއްކޮށް ކަރަންޓު ކެނޑެނީ މަދުންކަން ފާހަގަކޮށް، ދެންވެސް އެފަދަ 'ޓޯޓަލް ބްލެކްއައުޓް'އެއް އައުމަކީ ނާދިރު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ