ދިވެހި ޕްރިމިއަރ ލީގު ކޮލިފައިންގެ ދެވަނަ މެޗުޑޭގައި ހއ. ދިއްދޫ އަތުން ހޯދި މޮޅާއެކު، ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ޓީސީ ސްޕޯޓްސް ކުލަބުން ބޮޑު އުއްމީދެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ދިއްދޫގެ މައްޗަށް ޓީސީން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މިއާއެކު ކޮލިފައިންގައި ވާދަކުރާ ހަ ޓީމު ވެސް މިވަނީ ކޮންމެ ޓީމެއް ވެސް ދެ މެޗު ފުރިހަމަކޮށްފައެވެ.
މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި، އަވަސް، މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ޓީސީން ފުރަތަމަ ލަނޑުޖެހީ މެޗު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކީ ބިދޭސީ ފޯވާޑް އިބްރާޙިމް ޖިމޯއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. 42 ވަނަ މިނެޓުގައި، ޓީސީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ސްޓްރައިކަރު ބޯޑޯ ޕްރިންސެވެ.
މި ހާފުގައި ވެސް އަދި މުޅި މެޗުގައި ވެސް ދިއްދޫއަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. ޙާއްސަ ގޮތެއްގައި ދެވަނަ ހާފުގައި ދިއްދޫގެ ޔޫސިފް އައްފުލް އަށް ވަނީ ލަނޑުޖަހާނެ ރަނުގެ ދެ ފުރުސަތު ލިބިފައެވެ. އޭރިއާ ތެރޭގައި ހުރެފައި އައްފުލް ފޮނުވާލި ބާރު ދެ ހަމަލާ ވެސް ގޯލަށް ވަނުމަށް ހުރަހަކަށްވީ ޓީސީގެ ކީޕަރު ޑެނިއެލް އެވެ.
މެޗުގައި ޓީސީން ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައި، މެޗުގެ 54 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއަށް ވަދެފައި ޖިމޯ ގޯލް ކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ވަނީ، މި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިއްދޫގެ ހުސެއިން ރަޝީދުގެ ފައިގައި ޖެހިފައި ބައިކޮޅަށެވެ.
މި ނަތީޖާއާއިއެކު ޓީސީއަށް ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު ތާވަލުގައި ލިބެނީ ދެވަނައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ބިސްބުރަށް ވެސް ހަމަ އެ އަދަދަށް ފޮއިންޓު ލިބިފައިވާއިރު ބިސްބުރަށް ކުރި ލިބެނީ ޖަހާފައިވާ ލަނޑުގެ ތަފާތުންނެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެސް މި ދެ ޓީމެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުންވީ ބައްޔާއެކު، ކޮލިފައިންގައި ހަ ޕޮއިންޓު ހޯދަން ކުރި މަސައްކަތް ދިއްދޫއަށް ނާކާމިޔާބުވެ، ތާވަލުގެ ހަތަރުވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި އޮތް ގދ. ގައްދޫއަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. ގައްދޫއަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ކ. ހުރާ އަދި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދިއްދޫ ބަލިކޮށް ޓީސީއަށް އުއްމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ