1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ފީފާ ވޯލްޑްކަޕަށްފަހު މިއީ ސްކޮޓްލޭންޑް އިން ފީފާ ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ސްކޮޓްލޭންޑް އިން ވަނީ 7 ފަހަރެއްގެ މަތިން ފީފާ ވޯލްޑްކަޕްގައި ވާދަކޮށްފަ އެވެ.
28 އަހަރުގެ މެދު ކެނޑުމަކަށްފަހު ސްކޮޓްލޭންޑް އިން ފީފާ ވޯލްޑްކަޕްގައި ވާދަކުރާއިރު, މި ފަހަރު އެ ޓީމުން މަސައްކަތް ކުރާނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިއުމަށެވެ. ސްކޮޓްލޭންޑް އިން މި ފަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ޑެންމާކް 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗެއް ކަމުގައިވާ ސްޓީވް ކްލާކްގެ އިރުޝާދުގެ ދަށުން ސްކޮޓްލޭންޑް އިން ވޯލްޑްކަޕްގެ ޖާގައެއް ހޯދިއިރު އޭނާ އެ ޓީމަށް އިރުޝާދު ދެމުންދަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ސްކޮޓްލޭންޑްގެ ޒުވާން ޓީމުތަކަށް އިރުޝާދު ދިނުމަށްފަހު ސްޓީވް ކްލާކް ވަނީ ޕްރިމިއާ ލީގުގެ ނިއުކާސަލް އާއި ވެސްޓްބްރޮމްވިޗް އެލްބިއަންގެ އިތުރުން ރެޑިން އަށް ކޯޗު ކޮށްދީފަ އެވެ.
ވޯލްޑްކަޕްގެ ކޮލިފައިން އާއި ސްކޮޓްލޭންޑް އިން ކުރިމަތިލާފައިވަނީ ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީގެންނެވެ. އަނިޔާގެ ސަބަބުން ކުޅުމާއު ދުރުގައި ހުރި ގޯލުކީޕަރު އުމުރުން 43 އަހަރުގެ ކްރެއިގް ގޯޑަން އަށް ޓީމުން ފުރުސަތު ދީފައިވާއިރު ކިލްމާނޮކްއަށް ކުޅެމުންދާ އުމުރުން 20 އަހަރުގެ ފިންޑްލޭ ކާރޓިސް އަށްވެސް ވަނީ ފުރުސަތު ދީފަ އެވެ. މީގެ އިތުރުން އިޓަލީގެ ޓޮރީނޯގެ ޗޭ އެޑަމްސް, ނަޕޮލީގެ ސްކޮޓް މެކްޓޮމިނޭ, ޓޮޓްނަމްގެ އެންޑީ ރޮބަޓްސަންގެ އިތުރުން އެސްޓަން ވިލާގެ ޖޯން މެކްގިން ހިމެނެ އެވެ.
ސްކޮޓްލޭންޑް އިން މި ފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު 2 މެޗުން ވަނީ މޮޅުވެފަ އެވެ. ޖަޕާން އާއި އައިވަރީ ކޯސްޓާއި ދެކޮޅަށް ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް މިދިޔަ މެއި އަދި މި ޖޫން މަހު ކުރަސާއޯ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު ބޮލީވިއާ އަތުން މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ހެއިޓީ އާއި ދެކޮޅަށް ނިކުންނައިރު ސްކޮޓްލޭންޑްގެ ކޯޗު ބުނެފައިވަނީ އިދިކޮޅަށް ނިކުންނަ ޓީމަކީ ބަލި ޓީމެއް ނޫން ކަމަށާއި ހެއިޓީގެ ކުޅުމާއި ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ބަލާފައިވާ ކަމަށާއި ޓީމު އޮތީ މި މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ފީފާ ވޯލްޑްކަޕް 2026: ސްކޮޓްލޭންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ