ދިއްދޫ ބަލިކޮށް ޓީސީން ކޮލިފިކޭޝަނުގައި އިތުބާރު ހޯދައިފި

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި މިރޭ 3-0 އިން ހއ. ދިއްދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގުގައި މަގާމު ދަމަހައްޓަން އިތުބާރު ހޯދައިފި އެވެ. 
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި ކުޅެނީ، އެފްއޭއެމް އިން އަލަށް ކަނޑައެޅި ހަތަރު ރީޖަނުގެ ޗެމްޕިއަނުންނާއި ދިވެހި ޕްރިމިއާ ލީގުގެ ނިމިދިޔަ ސީޒަނުގެ ހަތް ވަނަ އާއި އަށް ވަަނަ ޓީމެވެ. 
އެ ގޮތުން، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި މިރޭ ނިމުނު މެޗާ އެކު، ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު، ލަނޑުގެ ތަފާތުން ކުރީގައި އޮތް މާލެ ރީޖަން ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޮތް، ނޯތު ލީގު ޗެމްޕިއަން، ދިއްދޫ އާއި ސައުތު ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އަށް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ދެން، އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ސެންޓްރަލް ރީޖަަނުގެ ޗެމްޕިއަން، ކ. ހުރާ  އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. 
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުން ޓީސީން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފަ އެެވެ. ޓީސީން ލީޑުނެގި ލަނޑަކީ، މެޗުގެ ނުވަ ވަނަ މިނިޓްގަައި އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން، އިބްރާހިމް އޮލަޑިމޭޖީ ޖިމޯ ކާމިޔާބުކުރި ގޯލެކެވެ. އަދި، ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޓީސީން ދެ ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ، ޓީސީގެ ޑިފެންޑަރު، ހަސަން އީނާޒް (ބަކާ) މަތިން ފޮނުވާލި ބޯޅަ ދިއްދޫގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން، އޭރިއާތެރެއިން ހުސްކޮށް ޓީސީގެ ބޯޑު ޕްރިންސަށް ލިބުމުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެެވެ. 
ދެ ވަނަ ހާފުގެ ކުުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ޓީސީން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑަކީ ދިއްދޫގެ ހުސެއިން ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ، ދިއްދޫގެ އޭރިއާތެެރެއިން ޖިމޯ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރަޝީދު ފައިން ޖައްސާލި ބޯޅަ ގޯލަށް އަމާޒުވެގެން ވަން ގޯލެކެވެ. 
މި މެޗުގައި ދިއްދޫން ލަނޑު ޖެހޭތޯ ގިނަ. އެޓޭކްތަކެއް ކުރި ނަމަވެސް ޓީސީ ކޮޅަށް ގޯލެއް ވައްދާލެވޭ ގޮތެއްނުވި އެވެ. 
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭަޝަނުގެ މެޗުތައް ދެން އޮތީ އަންނަ އަންގާރަ ދުވަހުގެރޭގަ އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި، ހުރާ އާއި ދިއްދޫން ވާދަކުރާއިރު، އެރޭ ޓީސީން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި، ބުދަ ދުވަހު ހަވީރު ގައްދޫން ނުކުންނާނީ ބިސް ބުރާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ