ކުރިއަށް އޮތް އީދުގައި ވެސް 65 ރަށެއް ދިއްލަނީ

ކުރިއަށް އޮތް އަޟްޙާ އީދުގައި 65 ރަށެއް ކުލަ ބޮކިތަކުން ދިއްލައިލާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހި ކަލަންޑަރުގައިވާ ގޮތުން ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށްވާއިރު، އީދު ދުވަސްތައް ފެށެނީ ހުކުރު ދުވަހެވެ. އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި މި އަހަރުގެ ފިތުރު އީދުގައި ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށެވެ. "ޢީދު ފާހަގަކުރާއިރު އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދު ފާހަގަ ކުރުމަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވިއެވެ. https://x.com/Adamshareefz/status/1929073104791146618 ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ މާރިޗް މަހުގެ 29 ދުވަހު ފެށި ފިތުރު އީދުގެ ދުވަސްތަކުގައި ވެސް ލައިޓުތައް ދިއްލައިފައި ވަނީ 65 ރަށެއްގައެވެ. މީގެ ކުރިން އާދަމް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި 36 ރަށަށްވާ ވަރަށް އީދު ލައިޓު ގެނައުމަށް 28 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އީދު ފަދަ، ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ފާހަގަކުރި އީދުތަކުގައި ސަރުކާރުން ބައިވެރިވެގެން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ