ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކޮށް އެ ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން މިހާރު ކުރިއަށް ގެންދާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު (މޯލްޑިވްސް އެކްސްޕޯ) ގައި އަވައްޓެރި އިންޑިއާގެ އުފެއްދުންތައް ހުރި، އެ ގައުމުގެ ސްޓޯލްތަކެއް ހުރުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އަދަދު ގެ ބައެއް ކިޔުންތެރިން ހިއްސާ ކޮށްފައިވާ ފޮޓޯ ވީޑިއޯ އާއި ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ސެންޓްރަލް ޕާކުގެ ދެކުނު ފަރާތުން، ވަށްމަގުން ވަންނައިރު، ހުރި ސްޓޯލްތަކުގެ ތެރޭގައި އިންޑިއާގެ ސްޓޯލްތައް ހުރިތަން ފެނެ އެވެ.
އެ ސްޓޯލްތަކުގައި ވިއްކަން ހުރީ އެ ގައުމުގައި ތައްޔާރުކޮށްފައިވާ ގަހަނާ އާއި ސްކާފް ފަދަ ތަކެތީގެ އިތުރުން އިންޑިއާގެ ސަގާފަތާއި އަމިއްލަވަންތަކަން ދައްކުވައިދޭ ކުޅޭ ތަކެއްޗެވެ. އޭގެއިތުރުން ވެސް އެ ގައުމުގެ އުފެއްދުންތެރިކަން ފެންނަ ބައެއް ތަކެތި އެ ސްޓޯލްތަކުގައި ވިއްކަން ބަހައްޓާފައި ހުރިތަން ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެނެ އެވެ.
އިންޑިއާގެ އެ ސްޓޯލްތަކުގައި އިންޑިއާގެ ރޫރަލް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ނަން ޖަހާފައި ހުއްޓެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެ ސްޓޯލްތަކަކީ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދޫކޮށްފައި ހުރި ސްޓޯލްތަކެއް ކަމަށެވެ.
އެ ސްޓޯލްތަކުގެ ތެރެއިން އެއް ސްޓޯލަކީ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ވިޔަފާރިއަކުން ހިންގަމުންދިޔަ ސްޓޯލެކެވެ. މުސްކާން ހޭންޑިކްރާފްޓްސް ކިޔާ ވިޔަފާރިއަކުން ހިންގާ އެ ސްޓޯލްގައި ހުރީ ލަކުޑިން ތައްޔާރު ކޮށްފައި ހުރި ކުޅޭ ތަކެއްޗެވެ. އޭގެތެރޭގައި ލާޖަހާފައި ހުރި ކުޅޭ އެއްޗެހި ވެސް ހިމެނެ އެވެ.
ދެން ހުރި ސްޓޯލްގައި ހުރީ އަތްތެރިމަސައްކަތުން އުފައްދާފައިވާ ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުން ސާމާނާއި ގަހަނާ އަދި އަތްދަބަސް ފަދަ ތަކެއްޗެވެ. އޭގެއިތުރުން އަތުން ޑައިކޮށްފައި ހުންނަ ފޮތި ވެސް އެ ސްޓޯލްތަކުގައި ވިއްކަން ހުއްޓެވެ.
މީގެ އިތުރުން ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ އެމްއެމް އެކްސްޕޯޓުގެ ސްޓޯލެއް ވެސް މައުރުޒުގައި އެބަ ހުއްޓެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި ސެންޓްރަލް ޕާކުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމީ ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކޮށް އެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކާ އެކު އެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރާއްޖޭގެ އެކި ކަންކޮޅުން ތަކެތި ތައްޔާރުކޮށް ހުށަހަޅާފައިވާއިރު، އޭގެތެރެއިން އުފެއްދުންތަކަށް ވަނަ ވެސް ދީފައިވެ އެވެ.
ނަމަވެސް މައުރަޒުގެ އިތުރުން ވެސް ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކާއި ދިވެހި ރަހަތައް ލިބޭ ސްޓޯލްތަކާއި ދިވެހި ފަންނާނުންގެ ފަރި ހަރަކާތްތައް ވެސް ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މައުރަޒުގައި ކޮންމެ ދުވަހަކު އޮވެ އެވެ. އޭގެއިތުރުން ބޮޑުބެރު މުބާރާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި އިންޑިއާގެ ސްޓޯލްތަކެއް! ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި އިންޑިއާގެ ސްޓޯލްތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ