މިދިޔަ 9 ވަރަކަށް ދުވަހު މާލެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ކުރަން ބޭނުންވި އެއް ކަމަކީ ޔަގީނުން ވެސް ފުވައްމުލަކުގައި މަޝްހޫރު ބާބާ ގާޑިޔާގެ ޝަވަރުމާއެއްގެ ރަހަ ބަލައިލުމެވެ. ކިއު އެހާ ދިގެވެ. އެކަމަކު ވެސް ބާބާ ގާޑިޔާގެ ކިއުގައި ނުޖެހޭ މީހަކު މަދެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި އިކޮނޮމިކް މިނިސްޓްެރީން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓަރަލް ޕާކުގައި މިދިޔަ މަހުގެ 23 އިން 31 އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް އެކްސްޕޯ 2025 ގައި އެންމެ ގިނަ ބަޔެއްގެ ތަރުހީބު ލިބުނީ ފުވައްމުލަކު ހަސަން އަތީގުގެ މި 'ބާބާ ގާޑިޔާ' އަށެވެ.
ފުވައްމުލަކުން ފުރައިގެން އަތީގު އޭނާގެ ގާޑިޔާ ހިފައިގެން މާލެކޮޅަށް މިސްރާބު ޖެހީ އާންމުންގެ ފަރާތުން މިހާބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ އުއްމީދުގަ އެއް ނޫނެވެ. އެކަމަކު 9 ދުވަހުގެ އެކްސްޕޯ އޭނާ ނިންމާލި އިރު އާމްދަނީގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ. ކޮންމެ ދުވަހަކު 1،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް އޭނާގެ ޝަވަރުމާގެ ރަހަ ދައްކައިފި އެވެ.
"އުއްމީދުކޮށްގެން ހުރީ ގާތްގަނޑަކަށް 200،000 އެއްހާ ރުފިޔާ އެކްސްޕޯ އިން ލިބޭނެ ކަމަށް. އެކަމަކު އެއަށް ވުރެ މާ ރަނގަޅަށް މި އިވެންޓު މި ދިޔައީ،" އަތީގު ބުންޏެވެ.
އެކްސްޕޯގެ ތެރެއިން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 1،400 އެއްހާ ޝަވަރުމާ ބާބާ ގާޑިޔާ އިން ވިއްކި އެވެ. އެއީ 80ރ. ގެ ރޭޓުން ބަލާނަމަ ދުވާލަކަށް 100،000އަށް ވުރެ ގިނަ ރުފިޔާ އެވެ. ނުވަ ރޭގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެވެ.
ކޮންމެ ދުވަހަކު ހަވީރު އަދި ރޭގަނޑު ވެސް ގިނަ ބަޔަކު ބާބާ ގާޑިޔާގެ ކިޔުގައި ޖެހިގެން ފޫހިކަމެއް ނެތި ތިބެނީ މި މަގުބޫލު ވެގެން އުޅޭ ޝަވަރުމާގެ އަޖުމަބަލަން ކޮންމެހެން ވެސް ބޭނުންވާތީ އެވެ. އެކްސްޕޯ ކުރިއަށް ދިޔަ ދުވަސްތަކުގައި ވާރޭ ވެހުނު ނަމަވެސް، ވާރެޔާ ތެމިގެން ވެސް ކުދިބޮޑު އެތައް ބަޔަކު ބާބާގެ ޝަވަރުމާގެ ރަހަ ބަލަން ތިބީ 'ފޯމޯ' އިހުސާސް ކުރަން ބޭނުން ނުވާތީ އެވެ.
"ފުރަތަމަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވެސް 1،300 ނޫނީ 1،400 ޝަވަރުމާ ވިއްކިން. ގާތްގަނޑަކަށް 14،000 ވަރަކަށް ޝަވަރުމާ ވިއްކުނު އެކްސްޕޯގެ ތެރެއިން،" އަތީގު ބުންޏެވެ.
މި ބޮޑު 'އޮޕަރޭޝަން' ގައި އަތީގުގެ ފަހަތުގައި ގާތްގަނޑަކަށް 30 މީހުންގެ ޓީމެއް މަސައްކަތް ކުރި އެވެ. ކަސްޓަމަރުންނާ ހަމައަށް ތާޒާ، ހޫނު ޝަވަރުމާގެ ރަހަ ގެންގޮސްދިނުމަށް އޭނާގެ ޓީމުގެ ފަރާތުން ލިބުނު އެހީ އާއި އެއްބާރުލުން އަތީގު ފާހަގަކުރީ ޝުކުރާއި ލޯތްބާއެކު އެވެ.
"ހުސް ދިވެހިން މިކަމުގައި މި މަސައްކަތް ކުރީ. ހެޔޮ އެދޭ ރައްޓެހިން ވެސް ހިމެނޭހެން ވަރަށް ޖޯޝާ ފޯރީގައި އެންމެން ވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އުޅުނީ،" އޭނާ ބުންޏެވެ.
"އެންމެ ބޮޑަށް ފާހަގަ ކުރަން ބޭނުންވަނީ އައްޔަބެ ގެ އާއިލާ. އެ އާއިލާ އެކީ މިކަމަށް ހުސްވެގެން އެ ދިން އެއްބާރުލުމާ އެހީތެރިކަން ދުވަހަކު ވެސް ހިތަކުން ނުފިލާނެ."
އެކްސްޕޯގެ ތެރެއިން މާލެ ސަރަހައްދުގައި ވެސް ބާބާއަށް އޮތް ތަރުހީބު އެނގިގެން ހިނގައްޖެ އެވެ. އަތީގު ދިން އުފާވެރި ހަބަރަކީ މާ ދުރުނޫން މުސްތަގުބަލެއްގައި މާލެ ސަރަހައްދުން ވެސް ބާބާގެ ގާޑިޔަލެއް ފެންނާނެ ކަމުގެ ހަބަރެވެ.
"ފެހި ސިގްނަލެއް އެބައޮތް މާލެ ސަރަހައްދުގެ ކަސްޓަމަރުންނަށް. ވަގުތު ކޮޅެއް ނަގާނެ އެކަމަކު، ފަސް ވަރަކަށް މަސް ވަރު،" އަތީގު ބުންޏެވެ.
ޝަވަރުމާގެ އިތުރުން ފިހުނު ކުކުޅާއި ޕާނީ ޕޫރީ އަކީ ވެސް ބާބާ ގާޑިޔަލުން ވިއްކާ ބާވަތްތަކެވެ. އެކަމަކު އެކްސްޕޯގެ ފުރަތަމަ ރޭ ވެސް ޝަވަރުމާ އަށް ލިބުނު ތަރުހީބުން މުޅި އިވެންޓުގައި ވެސް ޝަވަރުމާއަށް ގާޑިޔާ ހާއްސަ ކުރީ އެވެ.
އަތީގުގެ ބާބާ ގާޑިޔަލުން ކަސްޓަމަރުންނާއި ހަމައަށް ކާއެއްޗެހި ފޯރުކޮށްދެނީ ތާޒާކޮށެވެ. ސާފުތާހިރުކަން ކަށަވަރުކުރަމުންނެވެ.
ބާބާ ގާޑިޔާގެ ވިޔަފާރި އަތީގު ފެށީ ވަރަށް އާދައިގެކޮށް ކޮވިޑަށް ފަހު، 2021 ވަނަ އަހަރު އެވެ. އެ ވިޔަފާރި ފުޅާވެ، ޒަމާނީ ފުޑް ޓްރަކެއްގައި އޭނާގެ ސްޓައިލްގައި ކަސްޓަމަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީ ފުރިހަމަ ހިދުމަތެއް ދިނުމުގައި އޭނާ ހުރީ ހިތްވަރާއެކު އެވެެ.
ފުވައްމުލަކަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ބާބާ ގާޑިޔަލަށް ޖައްސާނުލައެއް ނުދެ އެވެ. ރިސްކެއް ނަގައިގެން މާލެ އައިސް ކުރި ތަޖުރިބާ ވެސް އުފާވެރި އެވެ. ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބާއި ލޯތްބާއެކު ބާބާ ގާޑިޔާ ދުއްވާނީ ކުރިއަށް ކަމަށް އަތީގު ބުންޏެވެ.
ބާބާ މިހަދާލީ ރެކޯޑެއް؛ ޝަވަރުމާ ވިއްކައިގެން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ