މެކްސްވެލް، އޮސްޓްރޭލިއާގެ އޯޑީއައި ޓީމުން ރިޓަޔާކޮށްފި މެކްސްވެލް، އޮސްޓްރޭލިއާގެ އޯޑީއައި ޓީމުން ރިޓަޔާކޮށްފި

މެލްބާން، އޮސްޓްރޭލިއާ (ޖޫން 3) - އޮސްޓްރޭލިއާގެ ކްްރިކެޓް ޓީމުގެ ކުޅަދާނަ އޯލް ރައުންޑަރު، ގްލެން މެކްސްވެލް، އެ ގައުމުގެ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
މެކްސްވެލް، 36، ވަނީ 2012 ވަނަ އަަހަރު އޮސްޓްރޭލިއާ އަށް ކުޅެން ފެށި ފަހުން، އެ ޓީމަށް 149 އޯޑީއައި މެޗުގައި ކުޅެފަ އެވެ. އަދި، އެ ފޯމެޓްގައި، 2015 އާއި 2023 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، 2021 ވަނަ އަހަރު ޓީ20 ކްރިކެޓް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވެ އެވެ.
އޯޑީއައި ފޯމެޓްގައި، މެކްސްވެލްގެ އެންމެ އާދަޔާހިލާފު މެޗަކީ، 2023 ވަނަ އަހަރު އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި، މެކްސްވެލް ވަނީ 201 ލަނޑު ހަދައި، ކްރިކެޓް ތާރީހުގައި ވެސް ރަނގަޅު މަގާމެއް ހޯދައިފަ އެވެ. މިއީ، އޯޑީއައި މެޗެއްގައި އެންމެ ތަފާތު އެއް ކުޅުމެވެ.
މެކްސްވެލް ވަނީ 2023 ވަނަ އަހަރުގެ އޯޑީއައި ވޯލްޑް ކަޕްގައި އެންމެ އަވަސް ސެންޗަރީ ހަދައިފަ އެވެ. އެ ގޮތުން، އޭނާ ވަނީ ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި 40 ބޯޅައިން 100 ލަނޑު ހަމަކޮށް، ރެކޯޑެއް ހަދައިފަ އެވެ.
އޯޑީއައި ފޯމެޓްގައި މެކްސްވެލްގެ ފަހު މުބާރާތަކީ، މި އަހަރުގެ ޗެމްޕިއަންސް ޓްރޮފީ އެވެ. އެ މުބާރާތުގައި ފިޓްނަސްގެ ސަބަބުން އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، މެކްސްވެލް ވަނީ 2027 ވަނަ އަަހަރުގެ އޯޑީއައި މުބާރާތުގައި ނުކުޅެވޭނެކަން، އޮސްޓްރޭލިއާގެ ކްރިކެޓް ބޯޑަށް އަންގައިފަ އެވެ.
"ދި ބިގް ޝޯ" ގެ ނަމުން މަޝްހޫރުވެފައިވާ މެކްސްވެލް ވަނީ އޯޑީއައި ފޯމެޓްގައި، 3990 ލަނޑު ހެދިއިރު، ހަތަރު ސެންޗަރީގެ އިތުރުން، 23 ހާފް ސެންޗަރީ (50 ލަނޑު) ހަމަކޮށްފަ އެވެ. އަދި، ކުޅަދާނަ އޯލްރައުންޑަރެއްގެ ގޮތުގައި ފާހަގަވެފައިވާ މެކްސްވެލް ވަނީ އޯޑީއައި ފޯމެޓްގައި، 77 ވިކެޓް ވެސް ނަގައިފަ އެވެ.
ޓީ20 ފޯމެޓްގައި، މެކްސްވެލް އަދިވެސް އޮސްޓްރޭލިއާ އަށް ކުޅެން ނިންމާފައިވާއިރު، އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އެ ފޯމެޓްގައި ވެސް މެކްސްވެލް ކުޅޭނެ ފަހު އިންޓަނޭޝަނަލް މުބާރާތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ