ލަންޑަން (ޖޫން 4) - އިންޓަ މިލާނުގެ ކޯޗަކަށްވާން ލިބުނު ފުރުސަތު ދޫކޮށްލައި، ކޯމޯގައި މަޑުކުރަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ ސެސްކް ފަބްރެގަސް ބުނެފި އެވެ.
މީގެ 11 މަސް ކުރިން، ކޯމޯގެ ކޯޗުކަން ފަބްރެގަސް، 38، އަށް ދިނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ކޯމޯ އިން 21 އަހަރަށް ފަހު، އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ފަބްރެގަސްގެ ކޯޗުކަމުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ.
އަދި، ފަބްރެގަސްގެ މަސައްކަތް ކަމުދިއުމުން، އިންޓަ މިލާނުން ވަނީ އެ ޓީމުގެ ކޯޗުކަން ފަބްރެގަސް އަށް ހުށަހަޅައިފަ އެވެ. އެއީ، އިންޓަ އަށް މިދިޔަ އަހަރުތަކުގައި އިރުޝާދުދިން ސިމޯން އިންޒާގީ، ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލް އަށް ބަދަލުވާން ނިންމުމުންނެވެ.
"ކޯމޯގައި އޮތް ލޯންގް ޓާމް ޕްރޮޖެކްޓް (ދުރު ރާސްތާ ޕްލޭން) އަށް އަހަރެންގެ އިތުބާރު އޮތީމަ ހަވާލުވީ، އަހަރެން އެ ޓީމަށް ދިޔައީ ކުޅުންތެރިއެއްގެ ގޮތުގައި، މިހާރު ކޯޗަކަށް މި ހުރީ އެ ކްލަބް އަހަރެންގެ ވިސްނުންތަކާ އެއްގޮތަށް ދާތީވެ،" ލަންޑަންގައި އޮތް ކޮންފަރެންސެއްގައި، ފަބްރެގަސްގެ މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި ބުންޏެވެ.
އޭނާ ބުނީ، ކުޑަ ސަރަހައްދަކަށް ކޯމޯ ނިސްބަތްވި ނަމަވެސް، އެ ޓީމުން ފުޓްބޯޅައިގައި ހާސިލްކުރަން ބޭނުންވާ ކަންކަން ބޮޑު ކަމަށާއި އެ އުންމީދުތަކާ އެއްގޮތަށް މަސައްކަތް ކުރަން ހުންނަން އޭނާ ބޭނުންވާ ކަމަށެވެ.
ފަބްރެގަސްގެ ކޯޗުކަމުގައި، ކޯމޯ އިން އިޓާލިއަން ލީގުގެ 10 ވަނައިގައި މި ސީޒަން ނިންމިއިރު، ޗެމްޕިއަންކަން ހޯދި، ނަޕޯލީ ވެސް ބަލިކޮށްފައިވެ އެވެ.
ކޯމޯގެ ރައީސް، މިރްވާން ސުވަރްސޯ ވިދާޅުވީ، ފަބްރެގަސްއާ އެކު، ކްލަބްގެ މެނޭޖްމަންޓުގެ އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި އަންނަ ސީޒަންގެ ޕްލޭންތައް ވެސް މިހާރު ކުރިއަށްގެންދަމުން އަންނަ ކަމަށެވެ.
ފަބްރެގަސް އިންޓަ އަށް ނޫނެކޭ ބުނެފި ފަބްރެގަސް އިންޓަ އަށް ނޫނެކޭ ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ