ޑިޖިޓަލް ޕްލެޓްފޯމްތަކަށް ނޫނެކޭ ބުނެ އާމިރުގެ ފިލްމު ޔޫޓިއުބްގައި ރިލީޒްކުރަނީ
މި އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ޔޫޓިއުބްގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އާމިރު ޚާން ބުނެފިއެވެ. މި ފިލްމު ޔޫޓިއުބްގައި ރިލީޒްކުރާނީ ކޮން ތާރީޚެއްގައި ކަމެއް އާމިރު ހާމަކޮށްފައެއް ނުވެއެވެ. ފިލްމު ޔޫޓިއުބްގައި ރިލީޒްކުރާނެ ވާހަކައާ އެކު ވަރަށް ގިނަ މީހުންނަށް އެކަން ބޮޑު އޮޅުމަކަށްވެފައިވާ ކަމަށާއި ފިލްމު ސިނަމާތަކުގައި ރިލީޒްނުކޮށް ހަމައެކަނި ޔޫޓިއުބްގައި ރިލީޒްކުރާކަމުގެ ޚަބަރުތައް ފެތުރިފައިވާތީ އާމިރު ވަނީ އެކަން ވެސް ސާފުކޮށްދީފައެވެ. މީޑިއާ ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އާމިރު ބުނެފައިވަނީ ފިލްމު ރަސްމީކޮށް ރިލީޒްކުރާނީ ހަމައެކަނި ސިނަމާގައި ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ 20 ވަނަ ދުވަހު ފިލްމު "ސިތާރޭ ޒަމީން ޕަރު" ސިނަމާތަކުގައި ރިލީޒްކުރާނެއެވެ. އާމިރުގެ ކުޅިވަރު ޑްރާމާ "ސިތާރޭ ޒަމީން ޕަރު" ޔޫޓިއުބް މެދުވެރިކޮށް ބެލޭނީ 99 ރުޕީސްގެ ފީއަކާ އެކުއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ވާހަކަ ކިޔައިދޭ މި ފިލްމުގެ ކޮޕީ ރައިޓްސް ހޯދަން ވަރަށް ގިނަ ޕްލެޓްފޯމްތަކުން ހުށަހެޅި ނަމަވެސް އެ ހުށަހެޅުންތަކަށް އާމިރު ވަނީ ނޫނެކޭ ބުނެފައެވެ. ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުސްތާންޓައިމްސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު 'ޕާފެކްޝަނިސްޓް'ގެ ލަގަބު ދީފައިވާ އެކްޓަރު ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ފިލްމު ދައްކަންވާނީ ހަމައެކަނި ސިނަމާތަކުގައެވެ. މި ފަހަކަށް އައިސް ފިލްމުތައް ސިނަމާތަކުން ނެގުމާ އެކު މާ ގިނަ ދުވަހެއްނުވެ، އެ ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްވުމުން ފިލްމުތަކުގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެ އަގު ވެސް ދަށްވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންކަމުން ފިލްމުތައް ރިލީޒްކުރާ ތާރީޚާ އެކު ޑިޖިޓަލް ޕްލެޓްފޯމްތަކަށް ފިލްމުތަކުގެ ރައިޓްސް ވިއްކާލުމުގެ އާދަ ދޫކޮށްލަންޖެހޭ ކަމަށް އާމިރު ވަނީ ބުނެފައެވެ. ގިނަ ބަޔަކު އިންތިޒާރުކުރާ "ސިތާރޭ ޒަމީން ޕަރު" ޑިޖިޓަލް ޕްލެޓްފޯމްތަކަށް ދޫނުކޮށްލުމަށް ނިންމި ނިންމުމަކީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އޭނާ ނެގި ވަރަށް ބޮޑު ރިސްކެއް ކަމަށާއި ނަމަވެސް އެކަމާ ވިސްނާނީ ފަހުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ތިއޭޓަ ވިޔަފާރީގެ އަގު ވަރަށް ބޮޑަށް ދަށްވަމުން އަންނަ މި ދަނޑިވަޅުގައި އެކަން ކޮޅަށް ޖެހުމަށް ކޮންމެ ވެސް ބަޔަކު މަސައްކަތްކުރަން ޖެހޭއިރު އެކަން އާމިރު ނުކުރާންވީ ސަބަބެއް ނުވިސްނޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ސިތާރޭ ޒަމީން ޕަރު" އުފެއްދުމުގެ ކުރިން އެކްޝަން ފިލްމުތައް އުފެއްދުމުގެ ހުށަހެޅުން ވެސް އެކްޓަރަށް ލިބުނު ކަމަށް އާމިރު ވަނީ ބުނެފައެވެ. ނަމަވެސް، މި ފިލްމުގައި ގެނެސްދޭ ވާހަކަ އަކީ އެތައް އަހަރެއް ވަންދެން އޭނާގެ ސިކުނޑީގައި ހަރުލާފައިވާ ވާހަކައެއް ކަމަށާއި މިއީ ބެލުންތެރިން އިންތިޒާރުކުރާ ކަހަލަ ފިލްމަކަށްވާނެ ކަމަށް އުއްމީދު އެބައޮތް ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރާ އެކު މި ފިލްމުން ބަތަލާ ޖެނީލިއާ ޑިސޫޒާ ވެސް ފެންނާނެއެވެ. މި ފިލްމު ރިލީޒްކުރުމުގެ ތައްޔާރީތައް ވަމުން އަންނައިރު މި ދޭތެރެއިން އާމިރުގެ މި ފިލްމު ބޮއިކޮޓް ކުރުމަށް ވެސް އިންޑިއާގެ ބަޔަކު ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ