ސިޓީން އައިތު-ނޫރީ އާއި ޗާކީގެ ޑީލް ނިންމަނީ ސިޓީން އައިތު-ނޫރީ އާއި ޗާކީގެ ޑީލް ނިންމަނީ

މެންޗެސްޓާ (ޖޫން 3) - މެންޗެސްޓާ ސިޓީން ވުލްވްސްގެ ވާތުބެކް، ރަޔާން އައިތު-ނޫރީ އާއި ލިޔޯންގެ ވިންގް، ރަޔާން ޗާކީގެ ޑީލްތައް ނިންމުމާ ގާތަށް ޖެހިލައިފި އެވެ.
ދަރަނި މައްސަލަތައް ހައްލުނުކޮށްފިނަމަ، މި ސީޒަން ނިމުމުން ފްރާންސްގެ ދެ ވަނަ ޑިވިޝަނަށް ލިޔޯން ރެލިގޭޓްކޮށްލުމަށް ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން އޮތީ ނިންމައިފަ އެވެ. އެކަމާ ހުރެ، ދަރަނީގެ ކަންކަމުން ލުޔެއް ހޯދަން ލިޔޯނުން އެ ޓީމުގެ ގިނަ ކުޅުންތެރިން ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ގޮތުން، އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި، ހިމެނެނީ ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުގެ ޗާކީ އެވެ. ޔޫރޮޕާ ލީގުގައި ލިޔޯނަށް މޮޅު ކުޅުމެއް ދެއްކި ޗާކީ ގަންނަން ސިޓީން ދޭން ނިންމި 26 މިލިއަން ޑޮލަރުގެ ބިޑަށް ލިޔޯނުން ވެސް ވަނީ އެއްބަސްވެފަ އެވެ.
އަލްޖީރިއާ ގައުމީ ޓީމަށް ކުޅޭ އައިތު-ނޫރީ، 23، ހޯދަން ސިޓީން އަދި ރަސްމީކޮށް ބިޑެއް ކޮށްފައިނުވި، ނަމަވެސް އޭނާގެ އޭޖެންޓާ އެކު އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ.
ސިޓީން ވާތުބެކެއް ހޯދަން މަސައްކަތް ކުރަމުން އަންނައިރު، ވުލްވްސްގައި މިދިޔަ ސީޒަންތަކުގައި އައިތު-ނޫރީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕްރިމިއާ ލީގުގައި މިިދިޔަ ސީޒަނުގައި އައިތު-ނޫރީގެ މަގާމުގައި، އެޓޭކަށް ބަލާއިރު، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އޭނަ އެވެ.
އަލްޖީރިއާ އިން މި ފަހަރު ނެގި ގައުމީ ސްކޮޑުގައި ވެސް ހިމެނޭ އައިތު-ނޫރީ، މި މަހު 10 ވަނަ ދުވަހުގެ ކުރިން ސިޓީއާ ގުޅޭނެ ކަމަށް ބެލެވެނީ، ފީފާ ކްލަބް ވޯލްޑް ކަޕްގައި އެ ޓީމަށް ކުޅުމުގެ ގޮތުންނެެވެ. ކްލަބް ވޯލްޑް ކަޕްގެ ކުރިން، ސިޓީން ދެން ނިންމަން ބޭނުންވަނީ ޗާކީގެ ޑީލްގެ އިތުރުން، އޭސީ މިލާނަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު، ޓިޖާނީ ރައިންޑާސްގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ