ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރަން އެޖެންޑާކޮށް މާދަމާ މަޖިލީސް ފަށަނީ

ސުޕްރިމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކުރާ މައްސަލައާ އެކު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. މަޖިލިސް ޗުއްޓީއަށް ދިޔައީ، ޕީއެންސީގެ ސުޕަ މެޖޯރިޓީން ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށްފަހުއެވެ. އެއަށް ފަހު، ފަނޑިޔާރުކަމުގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ސަރުކާރުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ގެންނަން އުޅޭ ކަމަށް ދަނީ އަޑުތައް ފެތުރެމުންނެވެ. ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ. އެގޮތަށް ނިންމީ، އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވޭތޯ ވެސް ސުވާލެއްގެ ތެރޭގައި އޮއްވައެވެ. ސަލީމްގެ އިތުރުން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމައިފައެވެ. ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށް ބެންޗަށް ވަނީ ބަދަލު ގެނެސްފައެވެ. އެ މައްސަލައިގައި ސަސްޕެންޑުކުރި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާއާއި، ފަނޑިޔާރު މަހާޒްގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އިސްތިއުފާދެއްވައިފައެވެ. އެއަށް ފަހު އަޒްމިރަލްދާއާއި މަހާޒް ވަނީ މަގާމުން ވަކިކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ދައުރުގައި ޖުމުލަ 32 ޖަލްސާ ބޭއްވުނު ކަމަށެވެ. އެ ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކޮމިޓީގެ 193 ބައްދަލުވުން ބޭއްވިއިރު އެ މަސައްކަތުގައި 139 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ. ދައުރު ނިންމާލިއިރު އެ ދައުރުގައި ޖުމުލަ ނުވަ ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. https://sun.mv/206068 އޭގެ ތެރޭގައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހާއި، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހު، މިއަދު މި ފާސްކުރެވުނު ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ހިމެނެއެވެ. އަބްދުއްރަހީމް ވިދާޅުވީ، އެ ދައުރުގައި ހުށަހެޅިފައި ހުރި މަސައްކަތްތަކުގެ ތެރެއިން 77 އިންސައްތަ މަސައްކަތް ނިންމާލެވުނު ކަމަށެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ސަބަބެއް ނާންގާ ކެންސަލްކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެކަމަކު، މަޖިލީހުގެ ރިޔާސަތުން އޭރު ވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. މި ދައުރުގެ ޖަލްސާތަކެއް ކެންސަލްކުރި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ