ދައުލަތުގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 2024 ގައި ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށަށް ދިޔަ ނަމަވެސް އެ އަހަރު ދެ ބިލިއަން ރުފިޔާގެ ފައިދާއެއް ނެރެފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެޗްޑީސީގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓުގައި ވަނީ އެ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 2.9 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Villa College
MU STORE
އެޗްޑީސީގެ އާމްދަނީ ދަށްވީ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ބިމާއި ހައުސިން ޔުނިޓުތައް ވިއްކުމުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށް ވުމާ ގުޅިގެންނެވެ. އެ އަދަދު ވަނީ 5.8 ބިލިއަން ރުފިޔާއިން 2.8 ބިލިއަން ރުފިޔާއަށް މަދުވެފަ އެވެ. އެހެން ނަމަވެސް އެ އަހަރުގެ ތެރޭގައި ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 578 މިލިއަން ރުފިޔާއިން 670 މިލިއަން ރުފިޔާއަށް މަތިވެފަ އެވެ.
މި އާމްދަނީގެ އިތުރުން އެޗްޑީސީއަށް ވަނީ އެހެނިހެން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ރެކޯޑުކޮށްފަ އެވެ. މި ވަރަށް އެހެނިހެން އާމްދަނީ އިތުރުވީ، ކްރިކެޓު ސްޓޭޑިއަމް އަޅަން ކަނޑައަޅާފައި އޮތް ބިން ހިމެނޭ ގޮތަށް އަގު ނުލިބޭ ގޮތަށް އޮތް ބިންތަކެއް އިންވެސްޓްމަންޓް ޕްރޮޕަޓީތަކަކަށް ބަދަލުކުރަން އެޗްޑީސީގެ ބޯޑުން ފާސްކުރުމާ ގުޅިގެންނެވެ. މި ގޮތަށް އަގު ލިބޭނެ ކަމަށް ބަދަލުކުރި ބިންތަކުގެ އަގު 1.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެޗްޑީސީއަށް ވަނީ 2024 ގައި ފައިނޭންސިން އާމްދަނީގެ ގޮތުގައި ވެސް އޭގެ ކުރީ އަހަރަށް ވުަރެ ރަނގަޅު އަދަދެއް ލިބިފަ އެވެ. މި އާމްދަނީގެ ބޮޑު ހިއްސާއަކީ އިންޓްރެސްޓު އަރާ ގޮތަށް ހުންނަ ލޯނުތަކާއި ލިބެން ޖެހޭ ފައިސާ (ރިސީވަބަލްސް) ގެ އިންޓްރެސްޓް އާމްދަނީ އެވެ.
މި ގޮތުން ލިބުނު 728 މިލިއަން ރުފިޔާއާއެކީ ފައިނޭންސިން އާމްދަނީގެ ޖުމްލަ ވަނީ ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފަ އެވެ. މި އެއް ބިލިއަން ރުފިޔާގެ ތެރެއިން ލޯނުތަކާއި ބޭންކުތަކުގެ އެހެނިހެން ފައިނޭންސިން ފެސިލިޓީތަކާއި ކުއްޔަށް ނަގާފައިވާ ތަންތަނަށް ދައްކަން ޖެހުނުު 747 މިލިއަން ރުފިޔާއަށް ކަނޑާފައި، އެޗްޑީސީއަށް ވަނީ ފައިނޭންސިން ހަރަކާތްތަކުން 323 މިލިއަން ރުފިޔާ ބާކީކޮށްފަ އެވެ.
އެޗްޑީސީގެ ހަރަދުތަކަށް ބަލާއިރު، އެ ކުންފުނީގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ ވިޔަފާރި ކުރުމުގެ ހަރަދަށެވެ. މި ކަމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިދާރީ ހަރަދުތަކަށް އެ ކުންފުނިން ވަނީ 710 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މީގެ ތެރެއިން މުވައްޒަފުންނަށް ހަރަދު ކުރީ 500 މިލިއަން ރުފިޔާ އެވެ. އިތުރު 214 މިލިއަން ރުފިޔާ މެއިންޓެނަންސް ކަންކަމަށް ހަރަދުކުރިއިރު، މާކެޓިން އާއި ޕްރޮމޯޝަންތަކަށް 21 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
އެޗްޑީސީން ފައިދާ ނެރެމުން ދިޔަ ނަމަވެސް އެ ކުންފުންޏަށް ލޯނުތަކުން ލިބެން ޖެހޭ ފައިސާ އާއި ލިބެން ޖެހި ނުލިބިވާ ފައިސާތަކުގެ އަދަދު ހުރީ ކަންބޮޑުވާ މިންވަރަކަށް މަތީގަ އެވެ. އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި 2024 ނިމުނުއިރު އެ އަދަދު ހުރީ 12.1 ބިލިއަން ރުފިޔާގަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަދަދު މައްޗަށް ދިޔަ ނަމަވެސް އެޗްޑީސީން ދައްކަން ޖެހޭ ދަރަނި ވަނީ 10.2 ބިލިއަން ރުފިޔާއިން 9.4 ބިލިއަން ރުފިޔާއަށް ތިރިވެފަ އެވެ.
އެޗްޑީސީއަށް 2024 ގައި ދެ ބިލިއަން ރުފިޔާ ފައިދާވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ