ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭއެއް އެމްއެމްއޭއިން ހަދަނީ
މަރުކާޒީ ބޭންކު (އެމްއެމްއޭ)އިން، ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭއެއް ހެދުމަށް ނިންމައިފިއެވެ. އެމްއެމްއޭއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް، ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން 'ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ' އެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މި ސާވޭ ކުރިއަށްގެންދިއުމަށް އެމްއެމްއޭއިން ނިންމާފައިވަނީ މި މަހުގެ 25އިން ފެށިގެން 31އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައެވެ. https://x.com/MMA_Maldives/status/2077720434129441079 މި ސާވޭގައި މައިގަނޑު ގޮތެއްގައި ހޯދާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގުސަދާއި ދަތުރުކުރި ގައުމާއި ޓިކެޓުގެ ޚަރަދާއި ހުރުމުގެ ޚަރަދުގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މައުލޫމާތު ހިމެނޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މި ސާވޭގެ ތެރެއިން ނުނަގާނެ ކަމަށާއި، އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމަށް މަރުކަޒީ ބެންކުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ސާވޭ ކުރިއަށްގެންދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެކަން ފާހަގަކޮށް، އެ މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ދިވެހީންގެ ސާވޭއަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އެމްއެމްއޭއިން އެ ދިރާސާ އިއުލާންކޮށްފައިވާއިރު، ބޭރަށް ފުރާ ދިވެހީންނަށް މަރުކަޒީ ބެންކުން ކަނޑައަޅައިފައިވާ ޑޮލަރު ރޭޓުގައި 500 ޑޮލަރު ލިބެއެވެ. އޭގެ އިތުރަށް ގައުމީ ބެންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ބޭރަށް ކުރާ ދަތުރާއި ހުރުމަށާއި ބޭސްފަރުވާއަށް 3،000 ޑޮލަރު ދޫކުރެއެވެ. އެ ޑޮލަރު ލިމިޓުތަކުގެ ސަބަބުން ބޭރު ފައިސާ ބޮޑު އަގުގައި ގަންނަން ޖެހުމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ ޑޮލަރުގެ ތާށިކަމާއި ކަޅު ބާޒާރު ނައްތާލާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ ގިނަ މަސްތަކެއް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ