މި އަހަރު ދަސްވެނިވި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ހިދުމަތާ އަލަށް ގުޅުނު 225 ސިފައިން މިއަދު ހުވާކޮށްފި އެވެ.
ގިރިފުށި ޓްރެއިނިން ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނާ ބަޑި ހަވާލު ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ މަނިކުފާނުގެ އަރިހުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ހުވާކުރީ މި އަހަރުގެ މާޗު 7 އިން ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގި 72 ވަނަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި 138 ސިފައިންނާއި 73 ވަނަ ތަމްރީނު ޕްރޮގްރާމް ނިންމި 117 ސިފައިންނެވެ.
ސަދަން އޭރިއާ ކޮމާންޑްގެ އައްޑޫ ޓްރެއިނިން ސެންޓަރުގައި މި އަހަރު ބޭއްވި ދެ ބެޗުގެ ދަރިވަރުންނަށް ހުވާލައި ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް އިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.
އެ ކޯސް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަހުލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި، ހަށިހެޔޮ މީހަކަށް ހެދުމާ އެކު، ސިފައިންގެ މީހަކަށް އެނގެން ޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.
ހިދުމަތާ އަލަށް ގުޅުނު 225 ސިފައިން ހުވާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ