ޞިއްޙީ ވުޒާރާގެ "އިތާ ޕޯޓަލް" އިފްތިތާޙުކޮށްފި

ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން އެކުލަވައިލި، އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް "އިތާ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ، މިއީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި އެ ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ތަޢާރަފްކުރި ޕޯޓަލްއެއް ކަމަށެވެ. އެގޮތުން، މައްސަލަ ބަލައިގަތުމުން ފެށިގެން މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއް މީގެތެރޭގައި ހިމެނޭކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤީލާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެގޮތުން، މި ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްކަން ޤީލާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ޕޯޓަލްއާއެކު އަންނާނެކަމަށް ބެލެވޭ އެންމެ ބޮޑު ބަދަލަކީ މަސައްކަތުގެ ދުވެލި ހަލުވިވުންކަން ފާހަގަކުރައްވައި ޤީލާ ވިދާޅުވީ، ޑީއެންއާރުގެ ތެރެއިން މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
"މި ޕޯޓަލްއާއެކު އަންނާނެކަމަށް ބެލެވޭ އެންމެ ބޮޑު ބަދަލަކީ މަސައްކަތުގެ ދުވެލި ހަލުވިވުން. އަދި ޑީއެންއާރުގެ ތެރެއިން މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އަދި އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ،" ޤިލާ ވިދާޅުވިއެވެ.
ހަމައެއާއެކު، މި ޕޯޓަލްގެ ސަބަބުން މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ޚައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މިކަމުގެ ސަބަބުން ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެކަމަށާއި ނަތީޖާއެއްގެ ގޮތުން، ވުޒާރާއަށް ގުޅައިގެން މަޢުލޫމާތު ސާފުނުވެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ޞިއްޙީ ވުޒާރާއިން ބުނީ، އިތާ ޕޯޓަލްގެ ސަބަބުން ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމާއި އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދޭ އިބަމަ ޕްރޮގްރާމުގެ މަސައްކަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން، އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް، ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ