"ހިރިމަރަދޫން ހޯރަފުށްޓަށް ބަދަލުވާން ގިނަ މީހުންގެ ޝައުގެއް ނެތް"
ހދ. ހިރިމަރަދޫން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަންނޯޓުކުރުމުގެ ފުރުސަތު ހުޅުވައިލައި، ފުރުސަތު ހަމަވާން 10 ދުވަހަށް ވެފައިވާއިރު، ހިރިމަރަދޫގެ ގިނަ ރައްޔިތުން ޝައުގުވެރިކަން ފާޅުނުކުރާ ކަމަށް، ހދ. ހަނިމާދޫ ކައުންސިލުން މިއަދު ބުނެފިއެވެ. އާބާދީ ވަރަށް މަދު ހިރިމަރަދޫ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން އުނިކޮށް، ހިރިމަރަދޫގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް ކަނޑައަޅުއްވައި އެ ރަށަށް ހިރިމަރަދޫ ރައްޔިތުން ބަދަލުކުރަން ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވީ މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅެވެ. ހަނިމާދޫ ކައުންސިލުގެ ދަށަށް ހިރިމަރަދޫ ބަދަލުކުރީ އައު ކައުންސިލަރުން ހުވާކުރެއްވި ދުވަސް ކަމަށްވާ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހެވެ. ޖޫން މަހުގެ 24ވަނަ ދުވަހު ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ހޯރަފުށީ ކައުންސިލުން ރަސްމީކޮށް އެ ދައުވަތު ދީފައިވާކަމަށެވެ. އެހެންވެ ހޯރަފުށްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓުކުރަން އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ހަނިމާދޫ ކައުންސިލުން ދިނެވެ. ހިރިމަރަދޫ ރައްޔިތުން: ހިރިމަރަދޫން ހޯރަފުށްޓަށް ބަދަލުވާން ގިނަ މީހުންގެ ޝައުގެއް ނެތް ކަމަށް ހަނިމާދޫ ކައުންސިލުން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް 'ސަން'އާ ވާހަކަ ދައްކަވަމުން ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާޤް މުޙައްމަދު މިއަދު ވިދާޅުވީ، ހޯރަފުށްޓަށް ބަދަލުވާން ހިރިމަރަދޫގެ ގިނަ ރައްޔިތުން ޝައުގުވެރިކަން ފާޅުނުކުރާ ކަމަށެވެ. އަދި ބަދަލުވާން ޝަައުގުވެރިކަން ފާޅުކޮށްފައިވާ މީހުންގެ ސީދާ އަދަދެއް އޭނާ ވިދާޅުނުވެއެވެ. ފިރާޤް ވިދާޅުވީ، ސަރުކާރުން ހޯރަފުށީގައި އެއްވެސް ރައްޔިތަކަށް ހައުސިން ޔުނިޓުތައް އަޅައިދިނުން ފަދަ ކަމެއް ކުރާނެތޯ ހިރިމަރަދޫ ބައެއް ރައްޔިތުން ކައުންސިލަށް ގުޅައި ސުވާލުކުރި ކަމަށެވެ. "ސަރުކާރުގެ ވިސްނުމެއް ނެތް ހަނިމާދޫ ނޫން އެހެން ތާކު އެ މީހުންނަށް ގެ އަޅާކަށް،" އެކަމުގައި ހަނިމާދޫ ކައުންސިލަށް ދެވޭނެ ޖަވާބެއް ނެތްކަން ފާހަގަކުރައްވައި ފިރާޤް ވިދާޅުވިއެވެ. ހަނިމާދޫގައި ސަރުކާރުން ހިލޭ ގެ އަޅައިދޭއިރު، ހިރިމަރަދޫ ރައްޔިތުން ހޯރަފުށްޓަށް އަމިއްލައަށް ނުދާނެ ކަމަށް ވެސް ފިރާޤް ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވަނީ ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިން ޔުނިޓުތައް އިމާރާތްކުރަން ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފައެވެ. ރައްދުގައި ފިރާޤް އިއްޔެ ވަނީ ކައުންސިލުގެ ފަރާތުން ނުދިން އެއްބާރުލުމަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ. https://sun.mv/224725 މިއަދު އޭނާ ވިދާޅުވީ، އެކަމާ ގުޅިގެން ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރަން އެދި އެޗްޑީސީއަށް ކައުންސިލުން މިހާރު ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ. ހިރިމަރަދޫގެ އާބާދީއަކީ 589އެވެ. އެހެންނަމަވެސް، އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ. އެހެންވެ، މިހާރު އެ ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހަނިމާދޫގެ އާބާދީ 2,645 އަށް އަރައެވެ. https://sun.mv/210373 ހިރިމަރަދޫ ކައުންސިލުން ސަރުކާރުގައި ފުރަތަމަ އެދުނީ އެ ރަށު ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބުރުވަރީ މަހު ސަރުކާރުން އިއުލާންކުރީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ފަހުން، އޮގަސްޓު މަހު ހިރިމަރަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެންމެ ގިނަ ވެގެން 18 މަސް ދުވަސްތެރޭ ގޯތިތަކުގެ މަސައްކަތް ނިންމައި، ރައްޔިތުންނާ ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ